ހއ ކެލާ އަށް އުފަން އިބްރާހިމް ސާއިދު އަލީ (ހުސް ފަޔާ ދުވާ ސާއިދު) ރަށުގައި ހުރެ "ސެލްފް ކޮވިޑް-19 ހޯމް ކަރަންޓީން ޗެލެންޖް" ގެ ނަމުގައި ދުވެ ހަތް ދުވަހުން ހަތް މެރަތަން ފުރިހަމަ ކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ގޭތެރޭގައި އެކި މީހުން ކުރަމުން އައީ އެކި ކަންކަމެވެ. ހުސް ވަގުތު ބޭކާރު ނުކުރަން، އެއް ބަޔަކު އަތްތެރި މަސައްކަތްކުރަމުންދާ އިރު ކަސްރަތު ކުރަން ވަރު ހުންނަ މީހުން، ގޭގެ ކުޑަ ހުސް ޖާގައިގެ ބޭނުންކުރަނީ އެކަމުގައެވެ. އަނެއް ބަޔަކު ގެންދަނީ ގޭތެރޭގައި ހާފު މެރަތަން އާއި ފުލް މެރަތަން ވެސް ޖަހަމުންނެވެ. ރާއްޖޭގައި އެކަންޏެއް ނޫނެވެ. މި ފުރަބަންދުގައި ދުބާއީގެ އެޕާޓްމަންޓެއްގައި ތިބި ސައުތު އެފްރިކާގެ ދެމަފިރިއަކު ވަނީ އެޕާޓްމަންޓުގެ ބެލްކަނީގައި ދުވެ މެރަތަންއެއް ފުރިހަމަކޮށްފައެވެ.

އެކި މީހުން އެކި ގޮތް ގޮތަށް ފުރަބަންދުގެ މުއްދަތު ހޭދަކުރި އިރު ދުވުންތެރިޔާ ސާއިދު ނެގީ އެހެން އެންމެންނާ ތަފާތު ޗެލެންޖެކެވެ. ހޯމް ކަރަންޓީނުވެގެން ހުރެ ހަތް ދުވަހުން ހަތް މެރަތަން ޖެހީއެވެ.

ސާއިދު އޭނާގެ މި ޗެލެންޖް ފެށީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ސާއިދު ވަނީ އޭގެ ފަހުން ހަފްތާއެއް ވަންދެން ކޮންމެ ދުވަހަކު 42.2 ކިލޯމީޓަރުގެ 7 މެރަތަން ޖަހައިފައެވެ. ސާއިދު މެރަތަން ޖެހީ 7.62 ކިލޯމީޓަރު ދިގުމިނުގެ ޓްރެކް އެއްގައެވެ. އެއީ އޭނާގެ އަމިއްލަ ގެ ވަށައިގެންނެވެ.

"ވަގުތު" އަށް ދިން އިންޓަވިއުއެއްގައި ސާއިދު ބުނީ މި ޗެލެންޖް ފުރިހަމަ ކުރަން ހިޔާލަށް އައީ ދުވަން އަދި ކަސްރަތު ކުރަން ބޭނުންވާ މީހުންނަށް އެކަން ކުރަން ވަކި ހާއްސަ ވަގުތެއް ނުވަތަ ތަނެއް ނުހުންނާނެކަން އަންގައިދޭން ބޭނުންވުމުން ކަމަށެވެ.

"އަޅުގަނޑު ބޭނުންވީ އަންގައިދޭން ދުވެ އަދި ކަސްރަތުކޮށް ފަދަ ކަންކަން ކުރަން ވަކި ހާއްސަ ވަގުތެއް ނޯންނަކަން. މިއީ ކޮންމެ ވަގުތެއްގައިވެސް ކޮންމެ ތަނެއްގައިވެސް ކުރެވޭނެ ކަންކަން. މިކަމަށް ބޭނުންވަނީ އެމީހެއްގެ އަޒުމް. އަމާޒެއް ކަނޑައަޅައިގެން އެއާ ދިމާލަށް ދަތުރުކޮށްފި ނަމަ ހާސިލްނުވެވޭނެ ކަމެއް ނޯންނާނެ،" ސާއިދު ބުންޏެވެ.

ސާއިދު ބުނީ މިއީ މިހާތަނަށް އޭނާ ދުވި އެންމެ ތަފާތު އަދި އެންމެ އުނދަގޫ ޗެލެންޖް ކަމަށާއި ތިންވަނަ ދުވަހު ހުއްޓާލަން ހިތައް އެރި ކަމަށެވެ. އޭނާ ބުނީ މިކަން ފެށިއިރުވެސް ޗެލެންޖް ފުރިހަމަ ކުރެވޭނެ ކަމާމެދު ކޮންމެވެސް ވަރަކަށް ސުވާލު އުފެދުނު ކަމަށާއި ކާމިޔާބުކަމާއެކީ މިކަން ނިންމާލެވުމުން ހިތްހަމަޖެހޭ ކަމަށެވެ.

"އެއްވެސް ހާލެއްގައި ފަސޭހަ ކަމެއް ނޫން މިއީކީ ހަތް ދުވަހުން ހަތް މެރަތަން ޖެހުން. ތިންވަނަ އަށްވީ ދުވަހު ހިތަށް އެރި ދެން ނުވާނެއޭ މިކަން. އެންމެ ބޮޑަށް ދިމާވީ ވަރުބަލިވުމުގެ މައްސަލަ. ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން އަނެއް ދުވަހު ހަށިގަނޑު މެއިންޓެއިން ކުރަން އުނދަގޫވި. މެރަތަން ޖެހި އިރު އަޅުގަނޑު ބޭނުންކޮށްފައި ހުންނާނީވެސް ހައްތާވެސް ނެޗުރަލް ބޫސްޓް އެއްޗެހި. ދޮންކޭލާ ބިހާ މި އެއްޗެހި ބޭނުންކުރީ،" ސާއިދު ބުންޏެވެ.

ކޮންމެއަކަސް ހަތް ދުވަހުން ހަތް މެރަތަން ހަ ގަޑި އިރަށްވުރެ ކުރިން ނިންމާލުމަކީ ފަސޭހަކަމެއް ނޫނެވެ. ސާއިދު ގިނަ ދުވަހު މެރަތަން ޖަހާފައި ހުރީވެސް ފަސް ގަޑި އިރާއި 41 މިނެޓްގެ އެވެރެޖް ޓައިމިންއެއްގައެވެ. ގިނަ ބަޔަކަށް ހަ ގަޑިއިރު ތެރޭ މެރަތަން އެއް ޖެހުމަކީ ވެސް ބޮޑު ކާމިޔާބީއެކެވެ. އެކަމަކު ސާއިދު މިވަނީ ހަފްތާއެއް ވަންދެން ކޮންމެ ދުވަހަކު 42 ކިލޯމީޓަރަށް ދުވެ އޭނާ އަކީ ހިތްވަރުގަދަ ދުވުންތެރިއެއްކަން ސާބިތުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ހުސްފަޔާ ދުވުމުން ފަޔާށް ގެއްލުންވާކަން އެނގިހުރެ ބޫޓަށް ނާރާ ދުވުމަކީ އަމިއްލައަށް އަނިޔާ ލިބިގަތުން، އަނިޔާ ދިނުންވެސް އަނިޔާ ލިބިގަތުންވެސް ހަރާމް، ވަގުތު އަށް ކުރާ ގިނަ ކޮމެންޓްތައް ނުޖަހާކަން ފާހަގަ ކުރެވޭ

    11
    1
  2. ހަސަން ފޭދޫ

    "7.62 ކިލޯމީޓަރު ދިގުމިނުގެ ޓްރެކް އެއްގައެވެ. އެއީ އޭނާގެ އަމިއްލަ ގެ ވަށައިގެންނެވެ." ހާދަ ބޮޑު ގެއަކަށްތާ ވާނީ. މާލެ ވަށާވެސް 10 ކިލޯމީޓަރު ހަމަ ނުވޭ

  3. ޝަމިއްޓޭ

    ގަދަބޭކަލެއް އިނގޭ ސާއިދު. ތިގޮތުގައި ހިގަހައްޓާތި

    3
    6
  4. ޝަމިއްޓޭ

    ގަދަބޭކަލެއް އިނގޭ ސާއިދު. ތިގޮތުގައި ހިގަހައްޓާތި އަދި ތިވަރަށް ހުއްޓާނުލާ ދުވަންންޔާ ރައްޒާގުގެލަފާ ހޯދާތި

    3
    5
  5. ބަބޫ

    ހޯމް ކަރަންޓީނުގައި ގޭގެ އެތެރޭގައިބާ ދުވީ. ބޭރުގައި ދުވެފިނަމަ ބޮޑުތަނުން ފެއިލް ވެފަހުރި މީހެއްމީ.

    4
    1
  6. އަލީ

    އެންމެންނަކީ އެހާފުދުންެރިބައެއްނޫން ވެދާނެއެންނޫން އެސޮރައް ބޫޓެއްގަނެވޭވަރުނުވާތީވެ ހުސްފަޔާ ދުވަނީކަމަށްވެސް. އެގޮތައްވެސް އެކަންއެކުރަނީ ވަރަށް ހިތްވަރު ގަދަވީމަދޯ.

    7
    2
  7. ގުއިދައިތަ

    މީ ޤަބޫލުކުރަން ދަތި ކަމެއް.

    3
    1
  8. އިސްމާލު

    "7.62 ކިލޯ މީޓަރު ގެއެއްގެ ވަށައިގެން ހަމަވުން" ؟؟

    3
    1
  9. ސާދުނާ

    މާލެ ވަށައިގެން 5 ކިލޯ މީޓަރު. ތޮއްޖެހިފަ މިއޮށް މާލޭގެ ބަދަލުގަ ސާއިދުގެ ގެ ގެޔަށް ވެރިކަން ކުރާ ރަށް ބަދަލު ކުރަން ފެނޭ.. #ތޮއްޖެހުންނޫންގޮތެށް