ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ގަދަ 16 އަށް އިތުރު ހަޓީމެއް ދަތުރުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އިންތިޒާމް ކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ ޔޫތް ސިޓީ ފުޓްސަލް މުބާރާތުގެ ތިންވަނަ ބުރުގެ މެޗުތައް ކާމިޔާބުކޮށް، ގަދަ 16 ގެ ޖާގަ ކަށަވަރުކޮށްފައިވަނީ ތިމަރަފުށި ފްރެންޑްލީ ޕްލޭޔާސްއާއި، ކްލަބު ގްރީން ސްޓްރީޓްސްއާއި، ނޮއޭނާއާއި، ދަނޑުގޯޅި އެސްސީއާއި، ޓީމް ކޮޅުފުށި އަދި ލ. ގަން ފުޓްސަލް ކްލަބެވެ.

މުބާރާތުގެ ތިންވަނަ ބުރުގައި އިނގުރައިދޫގެ މައްޗަށް ތިމަރަފުށި ފްރެންޑްލީ ޕްލޭޔާސް ކުރި ހޯދީ 5-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެޓީމަށް ދެ ލަނޑު ޖަހައިދިން އާދަމް ނާސިހު އެވެ.

ތިންވަނަ ބުރުގެ އެހެން މެޗުތަުގެ ތެރެއިން އެފްސީ ހަނދު އަތުން 2-1 ގެ ނަތީޖާއިން ގްރީން ސްޓްރީޓްސް މޮޅުވިއިރު، ހަނިމާދޫ ފުޓްސަލް ޓީމު އަތުން 4-1 ގެ ނަތީޖާއިން މޮޅުވީ ނޮއޭނާ އެވެ. އަދި އެފްސީ ދަންނަ ނުދަންނަ އަތުން 7-1 ގެ ނަތީޖާއިން ދަނޑު ގޯޅި މޮޅުވިއިރު، ވައިޕާސް އަތުން 4-2 ގެ ނަތީޖާއިން މޮޅުވީ ޓީމް ކޮޅުފުށްޓެވެ. މީގެ އިތުރުން ލުއްޗާޒް އަތުން ލ. ގަން ފުޓްސަލް ކްލަބް މޮޅުވީ 4-2ގެ ނަތީޖާއިންނެވެ.

މި މުބާރާތުގައި މިރޭ އޮންނާނީ ފިރިހެން ޑިވިޝަންގެ ތިންވަނަ ބުރުގެ ފަހު ތިން މެޗެވެ. އެގޮތުން ޕަންކް ހޫލިގަންސްއާއި ޑީ ސީ ޖޭ ބައްދަލުކުރާ އިރު، ހަމަ އެ ގަޑީގައި ޕާކްއާ ދެކޮޅަށް ނުކުންނާނީ އެއްމެ ފަހުގެ ޗެމްޕިއަން ބަޖިޔާ އެވެ. އަދި އެއްމެ ފަހު މެޗުގައި ތިމަރަފުށި ޔޫތު ޕްލޭޔާސް ނުުކުންނާނީ ޔޫތު ރިވޮލިއުޝަން ކްލަބާ ދެކޮޅަށެވެ.

ޖުމްލަ 136 ޓީމާއެކު ފެށިގެން ކުރިއަށްދާ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 120 ޓީމު، އަދި އަންހެން ޑިވިޝަނުގައި 16 ޓީމު ވާދަކުރެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ކުރިއަށް ދަނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލުމަށްފަހު، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިފަހަރުގެ މުބާރާތުގެ ފައިސާގެ އިނާމްތައް ބޮޑުކޮށް ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.