ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އިންޓަރ އޮފީސް ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވެމްކޯ ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށް ގެންދިޔަ އިންޓަރ އޮފީސް ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ހޯދީ ފައިނަލުގައި ވާދަކުރި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މައްޗަށް 3-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

އިންޓަރ އޮފީސް ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓް 72-25، އަދި 25-22، އިން ވެމްކޯ ކާމިޔާބު ކޮށްފައިވަނިކޮށް ޖެހިގެން އައި ތިންވަނަ ސެޓް 20-25 ހުން ގެންދިޔައީ އެސްޓީއޯގެ ޓީމެވެ. އެހެން ނަމަވެސް 25-21 ގެ ނަތީޖާއިން ހަތަރުވަނަ ސެޓް ކާމިޔާބުކޮށް ވެމްކޯއިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ފައިނަލްމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޖޯޒީ ނަމްބަރު 7 ޝައުފާ އާދަމްއެވެ.

ޖުމްލަ 7 ޓީމަކުން ވާދަކުރި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވެމްކޯ ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ.

މުބާރާތުގެ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް ތައްޓާއި މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކުރަން ހަމަޖެހިފައިވަނީ މާދަމާ ކުޅެވޭ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗަށްފަހު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައެވެ.