ރޭ ޗެމްޕިއަންސް ލީގް ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ބަޔާންމެނިކް އާއި ޗެލްސީ ބައްދަލު ކުރި މެޗު ބަޔާން ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކުރީ 4-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. ފުރަތަމަ ލެގުގައި މިދިޔަ ފެބްރުއަރީ މަހު 3-0 ގެ ނަތީޖާ އަކުން ބަޔާން މޮޅުވެފައި ވުމާއި އެކު އެ ޓީމު މިމެޗަށް ނިކުތީ އެޑްވާންޓޭޖަކާއި އެކުގައެވެ. ބަޔާން މިމެޗު ކާމިޔާބުކޮށް ކުއާޓާގެ ޖާގަ ކަށަވަރު ކުރީ އެގްރިގޭޓް 7-1 ގެ ނަތީޖާ އަކުންނެވެ.

ޗެލްސީގެ މުހިންމު ގިނަ ކުޅުންތެރިން ތަކެއް ނުލާ ނިކުތް މި މެޗުގައި ބަޔާންގެ ލެވަންޑޮސްކީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓް ގައި ލިބުނު ޕެނަލްޓީ އެއްގައި ލެވަންޑޮސްކީ ކާމިޔާބު ކުރިއިރު ދެވަނަ ލަނޑަކީ ލެވަންޑޮސްކީ ހޯދައިދިން ފުުރުސަތެއް ގައި އިވަން ޕެރިސިކް ކާމިޔާބު ކުރި ލަނޑެކެވެ.

ޗެލްސީ ކާމިޔާބު ކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފް ނިމެން ދަނިކޮށް އަބްރަހަމް ކާމިޔާބު ކުރި އިރު މި ލަނޑަކީ ބަޔާންގެ ކީޕަރު މެނުއާ ހެދި ގޯހަކުން އޭގެ ފައިދާ ޗެލްސީ އިން ނަގައި ކާަމިޔާބު ކުރި ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފް 2-1 ގެ ނަތީޖާ އަކުން ނިމިގެން ދިޔަ އިރު ބަޔާންއިން އެ ޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 76 ވަނަ މިނަޓްގައި ވަނީ ކާމިޔާބު ކޮށްފައެވެ. މި ލަނޑު ލެވަންޑޮސްކީ ހޯދައިދިން ފުރުސަތެއްގައި ޓޮލިސޯ ކާމިޔާބު ކުރިއިރު 84 ވަނަ މިނަޓްގައި ލެވަންޑޮސްކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

މިމެޗުން މޮޅުވުމާއި އެކު ކުއާޓާގައި އަންނަ ހުކުރު ދުވަހު ނޮކްއައުޓް އުސޫލުން ބަޔާަން ނިކުންނަން ޖެހޭނީ ރޭ ނަޕޯލީ ބަލިކޮށް ކުއާޓާއަށް ދަތުރު ކުރި ސްޕެއިންގެ ބާސާ އާއި ދެކޮޅަށެވެ.