އަންނަ މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕަށް ނަގާ އިންގްލޭންޑުގެ 23 ކުޅުންތެރިންގެ ސްކޮޑުން ގޯލްކީޕަރު ޖޯ ހާޓް އާއި މިޑްފީލްޑަރު ޖެކް ވިލްޝެއާ އަށް ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިޔާ އިން ބުނެފިއެވެ.

ހާޓް އާއި ވިލްޝެއާ އަށް ސްކޮޑުން ޖާގަ ނުދޭން ނިންމާފައިވާ ކަމަށް "ބީބީސީ" އިން ރިޕޯޓުކޮށްފައިވާއިރު މިދިޔަ ސީޒަނުގައި ވެސްޓްހަމް ޔުނައިޓެޑަށް ކުޅުނު ހާޓް އަކީ އިންގްލޭންޑުން އެންމެފަހުން ކުޅުނު ބޮޑު ތިން މުބާރާތުގައި ވެސް އެޓީމުގެ އެއް ނަމްބަރު ކީޕަރެވެ.

މީގެއިތުރުން ވޯލްޑްކަޕް ކޮލިފައިންގެ މެޗުތަކުގައި ވެސް އިންގްލޭންޑުގެ ގޯލު ބެލެހެއްޓީ ހާޓްއެވެ. ނަމަވެސް އިންގްލޭންޑުން އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހާޓް ކުޅެފައިވަނީ އެންމެ މެޗެއްގައެވެ.

ހާޓްގެ ބަދަލުގައި ވޯލްޑް ކަޕްގައި އިންގްލޭންޑުގެ ގޯލު މިފަހަރު ބެލެހެއްޓުން ގާތީ އެވަޓަން އަށް ކުޅެމުން އަންނަ ޒުވާން ގޯލްކީޕަރު ޖޯޑަން ޕިކްފޯޑު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން ވިލްޝެއާ ސްކޮޑުން ބާކީކުރަން ނިންމާފައިވާ ކަމަށް "ބީބީސީ" އިން ރިޕޯޓުކޮށްފައިވާއިރު އޭނާ ވަނީ މި ސީޒަނުގައި އާސެނަލް އަށް 38 މެޗު ކުޅެދީފައެވެ.

އިންގްލޭންޑުގެ ގައުމީ ޓީމަށް މިހާތަނަށް 34 މެޗު ވިލްޝެއާ ކުޅެދީފައިވާއިރު އޭނާ އެޓީމަށް އެންމެފަހުން މެޗެއް ކުޅެދިނީ 2016 ވަނަ އަހަރުގެ ޔޫރޯގައެވެ. ވިލްޝެއާ އަކީ އަނިޔާގެ މައްސަލަތައް ވެސް ގިނަ ކުޅުންތެރިއެއްކަން ފާހަގަކޮށްލެވެއެވެ.

ވިލްޝެއާ އާއި ހާޓް ބާކީކުރާނެ ކަމަށް ރިޕޯޓުތައް ބުނާއިރު ވޯލްޑް ކަޕަށް ދާނެ އިންގްލޭންޑުގެ 23 ކުޅުންތެރިންގެ ސްކޮޑު އެޓީމުގެ ކޯޗު ގެރެތް ސައުތްގޭޓް މިއަދުގެ ވަގުތެއްގައި އިއުލާން ކުރާނެއެވެ.

ވޯލްޑް ކަޕްގައި އިންގްލޭންޑް މިފަހަރު ލައްވާލާފައިވަނީ ގްރޫޕް ޖީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ބެލްޖިއަމް އާއި ޓިއުނީޝިއާގެ އިތުރުން ޕެނަމާއެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 18 ވަނަ ދުވަހު އިންގްލޭންޑް ނިކުންނާނީ ޓިއުނީޝިޔާއާ ދެކޮޅަށެވެ.