ދުނިޔޭގެ އެއްވަނަ ގޯލްފް ކުޅުންތެރިޔާގެ ގޮތުގައި ހުރި އެމެރިކާގެ ޑަސްޓިން ޖޯންސަން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އުމުރުން 36 އަހަރުގެ ޑަސްޓިން ކޮވިޑަށް ފައްސިވިކަން އެނގުނީ އަންނަ ބުރާސްފަރި ދުވަހު ބާއްވާ ޝެޑޯވ ކްރީކްގައި ކުޅުމަށް ތައްޔާރުވުމުގެ ކުރިން ހެދި ޓެސްޓުތަކުންނެވެ. މި ޓެސްޓުތައް ހެދިއިރުވެސް ޑަސްޓިންގެ ކިބައިން ކޮވިޑުގެ އަލާމާތްތައް ފެނުނު ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

ކެރިއަރުގައި މިހާތަނަށް 23 ޕީޖީއޭ ޓުއާ ކާމިޔާބުކޮށްފައިވާ ޑަސްޓިން ކޮވިޑަށް ފައްސިވުމާއެކު އެމެރިކާގެ ލަސް ވެގަސްގައި ބޭއްވުމަށް ތައްޔާރުވާ ސީޖޭ ކަޕުގައި އޭނާއަށް ނުކުޅެވޭނެއެވެ.

"ވަރަށް ހިތާމަވެރި ހަބަރެއް މި ލިބުނީ، އެއީ އަހަރެން ވަރަށް ކުރީބައިގައި ތައްޔާރުވާން ފަށައިފިން މި މުބާރާތަށް، އުއްމީދެއް ނުކުރަން މިހެން ވެދާނެކަމަކަށް، ވަރަށް މީހުންނާއި ދުރުގަ އުޅެވޭތޯ ބެލިން، ދެން ކުރާނެކަމެއް ނެތް، އަހަންނަށްވެސް މިއޮތީ މި ބަލި ލައްވާލާފަ" މާޔޫސްވެފައިހުރި ޑަސްޓިން ބުންޏެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޑަސްޓިން މިވަގުތު ހުރީ އަމިއްލައަށް އެކަހެރިވެގެންނެވެ. އެއީ އޭނާގެ އާއިލާއާއި ދުރުގައި ހުންނަން ބޭނުންވާތީ ކަމަށް އޭނާ ބުންޏެވެ.

"މި ދުވަސްކޮޅު ބޭނުންވަނީ އިތުރު ބަޔަކަށް މި ބަލި ނުފަތުރާ ވަކިން ހުންނަން، ވަރަށް ގިނަބަޔަކު ގުޅާފަ އެބަ ހިތްވަރުދޭ، ވަރަށް އުފާވޭ މީހުން އަހަރެން ބަލައިގަތީމަ، ދެން އެނބުރި އަންނާނީ މިއަށްވުރެ ވަރުގަދަކޮށް، އަހަރެންގެ މެޑިކަލް ޓީމުންވެސް ވަރަށް ކައިރިން މިކަން އެބަ ބަލާ، ސްޕޯޓަރުން ހާސްވާނެ ކަމެއް ނެތް" ޑަސްޓިން ބުންޏެވެ.

އެމެރިކާގެ ގިނަ ގޯލްފް ކުޅުންތެރިންތަކެއްް ވަނީ މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.