ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ އަލަށް އިންތިހާބުވި ހިންގާ ކޮމިޓީން ބޯޑު ހިންގުމާއި ހަވާލުވެއްޖެއެވެ.
ސީބީއެމް ގެ އާ ބޯޑު އިންތިހާބުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ގައެވެ. ބޯޑު ހިންގުމާއި ހަވާލުވުމަށްފަހު މިއަދު ވަނީ އެ ބޯޑުގެ އެގްޒެގެޓިވް ކޮމިޓީ (އެކްސްކޯ) ގެ ބައްދަލުވުމެއް ބާއްވާފައެވެ.
އެކްސްކޯ އާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އިންތިހާބު ބޭއްވުމާއި ، މިއަދާއި ހަމައަށް ކުރެވިފައިވާ ކަންކަމުގެ މައްޗަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އާ ރައީސް މުހައްމަދު ފައިސަލް އަލިއަޅުވާލިއެވެ. އެގޮތުން ކްރިކެޓުގެ އެކިއެކި ކަންކަމާއި ގުޅޭގޮތުން ހެދިފައިވާ އެސެސްމެންޓްތަކާއި ގުޅިގެން ދެން ކުރިޔަށްދާނެ ގޮތްތަކާއި ގުޅޭގޮތުން ހިޔާލު ބަދަލުކުރެވުނެވެ.
މީގެއިތުރުން ކޮމިޓީ ބައްދަލުވުންތައް ކުރިޔަށްގެންދާނެ ގޮތަކާއި، މިވަގުތަށް އިސްކަންދީގެން ކުރަން ހުރި ކަންކަމުގެ މައްޗަށް ވާހަކަ ދެކެވުނެވެ.
މި ބައްދަލުވުމުގައި އެކްސްކޯއަށް ހޮވުނު ފަރާތްތަކަށް ރައީސް ފައިސަލް ތަހުނިޔާ ވިދާޅުވިއެވެ. އަދި ގުޅިގެން ނަތީޖާ ހާސިލުކުރުމަށްޓަކައި މަސައްކަތް ކުރުމަށް ބާރު އަޅާ، ކްރިކެޓް ކުޅުންތެރިންނާއި، ކުލަބުތަކާއި، ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި ގުޅިގެން މަސައްކަތްތައް ބައްޓަން ކުރުމަށް އެދިވަޑައިގަތެެވެ. އަދި ފާއިތުވި ދައުރުގެ ރައީސްއަށާއި، ހިންގާ ކޮމިޓީ މެމްބަރުން ކްރިކެޓް ކުރިއެރުވުމަށްޓަކައި ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.
މާލޭ ސްޕޯޓްސް އިން ކްރިކެޓް ބޯޑުގެ ރައީސްކަމަށް ފައިސަލް އިންތިހާބުވެވަޑައިގެންނެވީ އިތުރު ކެންޑިޑޭޓެއް ނެތުމުން ނެގި ފެންނަ ނުފެންނަ ވޯޓުގައި 16 މެންބަރުންގެ ތާއީދާއެކުގައެވެ. ނައިބު ރައީސަކަށް އިންތިޚާބުވެ ވަޑައިގަތީ އަޙްމަދު ހުސެއިން (ކުޑަދޮނާ) އެވެ.
ބޯޑު ހިންގުމާއި ހަވާލުކުރުމުގެ ކުރިން ކުރީގެ ރައީސް އަފްލާހް އާއި އަލަށް އިންތިހާބުވެވަޑައިގެންނެވި ރައީސް ފައިސަލް ވަނީ ކުޅިވަރާބެހޭ ވުޒާރާގައި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ސްޕޯޓްސް ކޮމިޝަނަރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ .
ާ