ދުނިޔޭގެ ފުޓުބޯޅައިގައި މިހާތަނަށް ރިޓަޔާނުވެ ކުޅެމުން އަންނަ ކުޅުންތެރިންގެ ލިސްޓުގެ ހަވަނައިގައި ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިއްޖެ އެވެ.

މި ލިސްޓަކީ މިި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް އެކުލަވާލާފައިވާ ލިސްޓެކެވެ. މި ލިސްޓުގެ އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދަގަނޑޭ އަކީ އޭޝިއާ ބައްރުންވެސް މި ލިސްޓުގައި ހިމެނޭ ހަމައެކަނި ކުޅުންތެރިޔާ އެވެ. މި ލިސްޓުގައި ދެން ތިބީ އެމެރިކާ ބައްރާއި ޔޫރަޕު ބައްރަށް ނިސްބަތްވާ ދުނިޔޭގެ ފުޓުބޯޅައިގެ މަގުބޫލު ނަންތަކެވެ.

ދަގަނޑޭއަށް ހަވަނަ ލިބުނީ އޭނާގެ ކެރިއަރުގައި ޖެހި 464 ލަނޑާއެކުއެވެ. ދަގަނޑޭ އެ އަދަދަށް ގޯލު ޖަހާފައިވަނީ ޤައުމީ ޓީމާއި އެކި ކުލަބުތަކަށް ކުޅުނު 544 މެޗުންނެވެ. މި ލިސްޓުގެ އެއްވަނަ ހޯދާފައިވަނީ 760 ލަނޑު ޖަހައިގެން ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ދެވަނައިގައި އޮތީ 733 ލަނޑާއެކު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އެވެ. އަދި ތިންވަނައިގައި އޮތީ 559 ލަނޑާއެކު ސްވިޑަންގެ ޒްލަޓާން އިބްރަހިމޮވިޗް އެވެ.

ދަގަނޑޭ ވަނީ އޭނާގެ ކެރިއަރުގައި ކުލަބް ވެލެންސިއާއަށް 104 ލަނޑު، އަދި ނިއުރޭޑިއަންޓަށް ޖުމްލަ 129 ލަނޑު ވަނީ ޖަހާފައެވެ.މީގެއިތުރުން ބުރުނާއިގެ ޑީޕީއެމްއެމް އެފްސީއަށް 2 ލަނޑާއި ވީބީ އައްޑޫ އެފްސީއަށް 93 ލަނޑުގެ އިތުރުން މެލޭޝިއާގެ ޕީޑީއާރުއެމަށް 47 ލަނޑު އޭނާ ވަނީ ޖަހާފައެވެ.

އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 8 ލަނޑާއި ޓީސީ ސްޕޯޓްސް ކުލަބަށް 16 ލަނޑުގެ އިތުރުން ކުލަބް ގްރީންސްޓްރީޓްސްއަށް 11 ލަނޑު ވަނީ ޖަހާފައެވެ. އަދި ޤައުމީ ފުޓުބޯޅަ ޓީމަށް ކުޅުނު މެޗުތަކުގައި 53 ލަނޑު ވަނީ ޖަހާފައެވެ. އަދި ޤައުމީ 23 އަހަރުންދަށުގެ ޓީމަށް ޖެހި 2 ލަނޑުވެސް މި ލިސްޓުގައި ވަނީ ހިމަނާފައެވެ.

ރިޓަޔަރ ނުވެ މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލު ޖެހި 10 ކުޅުންތެރިން

  1. ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް) : 760 ލަނޑު
  2. ލިއޮނެލް މެސީ (އާޖެންޓީނާ) : 733 ލަނޑު
  3. ޒްލަޓާން އިބްރަހިމޮވިޗް (ސްވިޑެން) : 559 ލަނޑު
  4. ރޮބަޓް ލެވަންޑޯސްކީ (ޕޮލެންޑް) : 506 ލަނޑު
  5. ލުއިސް ސުއަރޭޒް (އުރުގުއޭ) : 488 ލަނޑު
  6. އަލީ އަޝްފާގު (ދިވެހިރާއްޖެ) : 464 ލަނޑު
  7. ސެބަސްޓިއަން އަބްރޫ (އުރުގުއޭ) : 432 ލަނޑު
  8. ސާޖިއޯ އަގުއޭރޯ (އާޖެންޓީނާ) : 430 ލަނޑު
  9. ކްލާސް-ޔަން ހަންޓެލާ (ނެދަލެންޑްސް) : 418 ލަނޑު
  10. އެޑިންސަން ކަވާނީ (އުރުގުއޭ) : 415 ލަނޑު

ދުނިޔޭގެ ލަނޑު ލިސްޓުން ހަވަނައިގައި އޮތްއިރު ދަގަނޑޭ ވަނީ މެސީ އާއި ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު މެޗުގެ ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދެވަނަ ހޯދާފައެވެ.

ރާއްޖޭގެ ތާރހުގައި މިހާތަނަށް ދުށް އެންމެ މޮޅު ފުޓުބޯޅަަ ކުޅުންތެރިޔާ ވަނީ މިހާތަނަށް ޤައުމީ ޖާރޒީއާއި ކުލަބް ލެވެލްގައި ގިނަ ކާމިޔާބީތަކެއް ގައުމަށް ހޯދައިދީފައެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕް 2008 ގައި ހޯދި ޓީމުގައި އޭނާ ހިމެނުނު އިރު އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދިއެވެ. އަދި މެލޭޝިއާގައި ކުޅުނުއިރު އެ ލީގުގައި ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަޤާމާއި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަޤާމު އެތަކެއް ފަހަރަކު ހޯދިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒުވާނާ

    ތީ މިރާއްޖޭއިން ދުށް އެންމެ މޮޅު ވަރުގަދަ ފުޓްބޯޅަކުޅުންތެރިޔާ... ތިކަހަލަ މޮޅު ކުޅުންތެރިއަކު މިރާއްޖެއިން ފެންނަން އެތައްދުވަހެއް ނަގާނެ..

    25
    2
  2. ދިވެހި ސަޕޯޓަރު

    ސާބަސް ދަގަނޑޭއަށް. މުސްތަގްބަލުގައި ދަގަނޑޭ ފަދަ މޮޅެތި ކުޅުންތެެރިން އުފައްދަން ޖެހޭ.

    8
    1