ރެއާލް މެޑްރިޑަށް ކޯޗުކަން ކޮށްދިނުމަށް ދެ ފަހަރެއްގެ މަތިން ފުރުސަތު ލިބުނު ކަމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

އާސެނަލްގައި 22 އަހަރު ހޭދަކުރުމަށްފަހު ވެންގާ އެ ކްލަބު ދޫކޮށްލާފައިވާއިރު ފާއިތުވި އަހަރުތަކުގެ ތެރޭގައި ވެންގާ އަށް ވަނީ ގިނަ ކްލަބުތަކެއްގެ ފަރާތުން ހުށަހެޅުންތަކެއް ލިބިގެން ގޮސްފައެވެ.

އޭގެތެރެއިން އެ ކްލަބަކީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑް ކަމަށްވާއިރު ވެންގާ ބުނީ ރެއާލް އަކީ އޭނާ އެންމެ ކުޑައިރު ލޯބިވި އެއް ޓީމު ކަމަށާއި ނަމަވެސް އެ ޓީމަށް ދެތިން ފަހަރެއްގެ މަތިން ނޫނެކޭ ބުނެފައިވާނެ ކަމަށެވެ.

"އާސެނަލްގެ އާ ދަނޑު އިމާރާތް ކުރަމުންދިޔަ ދުވަސްވަރު އަހަރެން އާސެނަލްގެ ކޮންޓްރެކްޓް ފަސް އަހަރު ދުވަހަށް އާކުރިން. އެ ފަސް އަހަރުގެ ތެރޭގައި ފުރަތަމަ ރެއާލް އިން އަހަންނަށް ގުޅީ. އެކަމަކު އޭރު އެއީ އާސެނަލް އަށް ވެސް މުހިއްމު ދުވަސްރަކަށް ވުމާއެކު އަހަރެން ބޭނުން ނުވީ އެ ކްލަބު ދޫކޮށްލަން" ވެންގާ ބުންޏެވެ.

ވެންގާ ބުނިގޮތުގައި ރެއާލް އިން އޭނާ އަށް ހުށަހެޅި ހުށަހެޅުމުގައި އެ ކްލަބުގެ ހުރިހާ ބާރެއް ދިނުމަށް ވެސް އޮތީ ނިންމާފައެވެ. ނަމަވެސް ރެއާލްގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެ އާސެނަލްގައި މަޑުކުރެވުމުން އެކަމާ ހިތްހަމަޖެހޭ ކަމަށްވެސް ވެންގާ ބުންޏެވެ.

އާސެނަލް ދޫކޮށްލުމަށްފަހު ކުރިމަގާ މެދު ވެންގާ އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް ފުޓްބޯޅައިގެ ތެރޭގައި އަދިވެސް ހަރަކާތްތެރިވާނެ ކަމަށް ވެންގާ ވަނީ ދާދިފަހުން ބުނެފައެވެ.

ވެންގާ އާސެނަލް ދޫކޮށްލިއިރު އޭނާގެ އިރުޝާދުގެ ދަށުން ކުޅެ އާސެނަލް އިން ވަނީ ތިން ފަހަރެއްގެ މަތިން ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ.