ފީފާ އާއި ޔުއެފާއިން ފުޓުބޯޅަ ކުޅުންތެރިން ގެންގުޅެނީ ޕަޕެޓުތަކެއްހެން ކަމަށް ބުނެ ރެއާލް މެޑްރިޑަށް ކުޅެމުންދާ ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޓޮނީ ކްރޫޒް ފުޓުބޯޅައިގެ އެންމެ ހައިބަތު ބޮޑު ދެ އިދާރާތަކަށް ބަހުގެ ހަމަލާތަކެއް ދީފިއެވެ.

ކްރޫޒް މިހެން ބުނެފައިވަނީ މި ދެއިދާރާއިން ތަފާތު ނަންނަމުގަ އިތުރު މުބާރާތްތަކެއް އުފައްދާ ކުޅުންތެރިންނަށް ދެމެޗު ދޭތެރެއިން އަރާމުކުރަން ލިބޭ ވަގުތު މަދުކަމަށް ބުނެ ކްލަބް ތަކުގެ ކޯޗުންނާއި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޔޫއެފާއިން ވަނީ 2018 ވަނަ އަހަރުން ފެށިގެން ގައުމު ތަކުގެ މެދުގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކުގެ ބަދަލުގައި ވާދަވެރިގޮތަކަށް މެޗުތައް ކުޅުމަށް ޔުއެފާގެ މެމްބަރު ގައުމުތަކުގެ މެދުގައި ޔުއެފާ ނޭޝަންސް ލީގުގެ ނަމުގައި މުބާރާތެއް ބާއްވަން ފަށާފައެވެ. އަދި މީގެ އިތުރުން އެއިދާރާއިން މުޅިން އަލަށް ޔުއެފާ ޔޫރަޕިއަން ސުޕަރ ލީގުގެ ނަމުގައި މުބާރާތެއް ބޭއްވުމަށްވެސް މަޝްވަރާތަކެއް ކުރެވެމުންދާކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. ފީފާއިންވެސް ވަނީ ކްލަބްތަކަށް ހާއްސަކޮށްގެން ފީފާ ކްލަބް ވޯލްޑް ކަޕްގެ ނަމުގައި ފީފާއިން ކްލަބް ތަކަށް ބޭއްވޭ އެންމެ ބޮޑު މުބާރާތުގެ ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން މުބާރާތެއް ބާއްވަން ފަށާފައެވެ.

ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެ ވަރުބަލިކަމުގެ ސަބަބުންނާއި ރިކަވަރ ވާން ވަގުތު ނުލިބުމުގެ ސަބަބުން ޔޫރަޕުގެ ބޮޑެތި ލީގުތަކުގައި ކުޅޭ ބައެއް ކުޅުންތެރިންނަށް ސީރިއަސް އަނިޔާތަކަކާއި މިހާރުވެސް ދަނީ ކުރިމަތިލަމުންނެވެ. ކަންމިހެން އޮތުމާއެކު ޕްރިމިއަރ ލީގުގެ ގަދަ ދެބާރު ކަމުގައިވާ މެންޗަސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އާއި ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް އިސްނަގައިގެން ޕްރިމިއަރ ލީގުގެ މެޗުތަކުގެ ޝެޑިއުލްއަށް ބަދަލަުތަކެއް ގެނެސް މެޗެއްގައި 5 ކުޅުންތެރިން ބަދަލުކުރެވޭގޮތް ހެދުމަށް ޕްރިމިއަރ ލީގަށް ހުށަހެޅުމަށް ދެ ކޯޗުން ގުޅިގެން މަޝްވަރާތައްވެސް ވަނީ ފަށާފައެވެ.

މިވަގުތު ޔޫރަޕުގެ ބޮޑެތި ހުރިހާ ލީގުތަކެއް އިންޓަނޭޝަނަލް ބްރޭކަށް ވަނީ ހުއްޓާލާފައެވެ. ނޭޝަންސް ލީގަށް ގައުމީ ޓީމުތަކުން ތައްޔާރުވަމުން ދާއިރު ބައެއް ގައުމުތަކުން ކުރިއަށް ހުރި މެޗުތަކާއި ކުރިމަތިލާނީ އަނިޔާގައި ހުރި އެގައުމު ތަކުގެ މުހިންމު ކުޅުންތެރިން ނުލައެވެ.