އިޓަލީގެ ތަޖުރިބާކާރު ގޯލް ކީޕަރު ޖިއާންލުއިޖީ ބުފޮން އަތުގައި އޮތް ބައިނަލްއަގްވާމީ އެންމެ ގިނަ މެޗު ކުޅުނު ޔޫރަޕުގެ ގައުމުމަކަށް ނިސްބަތްވާ ކުޅުންތެރިއާގެ ރެކޯޑާއި ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް އަރާ ހަމަކޮށްފިއެވެ.

އެކުވެރިކަމުގެ މެޗެއްގައި ރޭ ނެދަލެންޑްސް އަތުން އެއްވަރުވި މެޗުގައި ކުޅެ ރާމޮސް ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 176 މެޗު ކުޅެދީފައެވެ. މިއަދަދަށް ބުފޮން މެޗު ކުޅެފައިވަނީ 2018 ވަނަ އަހަރު އޭނާ އިޓަލީއަށް ކުޅެދިން އެންމެ ފަހު މެޗުގައެވެ.

ތާރީހީ މުހިންމު ރެކޯޑަކާއި ރާމޮސް އަރާ ހަމަކުރިއިރު މެޗުގައި ސްޕެއިންއަށް މޮޅު ނުވެވުނު ނަމަވެސް އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވއެވެ.

މެޗުގައި ސްޕެއިންއިން ޖެހި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖިއޯ ކެނަލެސްއެވެ. މިއީ އޭނާ ސްޕެއިންގެ ސީނިއަރ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ނެދަލެންޑްސް އަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ވެން ޑި ބީކްއެވެ.

ސްޕެއިންގެ ގައުމީ ޓީމަށް ރާމޮސް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ 2005 ވަނަ އަހަރުގައި އުމުރުން އެންމެ 18 އަހަރުގައެވެ. ޗައިނާ އާއި ދެކޮޅަށް ކުޅެ 0-3 އިން މޮޅުވި މިމެޗުގައި ރާމޮސް ކުޅެ އޭނާ ވަނީ އޭރު 55 އަހަރު ތެރޭގައި ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ލަގަބުވެސް ހޯދާފައެވެ.

ރާމޮސް ވަނީ ރެއާލް މެޑްރިޑަށް 500 އަށްވުރެ ގިނަ މެޗުކުޅެދީ 100 އަށްވުރެ ގިނަ ލަނޑު ޖަހާފައެވެ. އަދި އޭނާ ވެގެން ގޮސްފައިވަނީ ރެއާލް މެޑްރިޑަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފިން ޑިފެންޑަރަށެވެ. އަދި އޭނާ އަކީ މިހާރުވެސް ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ޑިފެންޑަރެވެ. އަދި ފުޓުބޯޅައިގެ ދިގު ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ޑިފެންޑަރުންގެ ލިސްޓުގެ 6 ވަނައިގައި ގައުމީ ޓީމަށާއި ކްލަބަށް ކާމިޔާބުކުރި 127 ލަނޑާއިއެކު އޮތީ ރާމޮސްއެވެ.