ބޮޑީބިލްޑިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އަންނަ ހަފްތާގަ ބޭއްވުމަށް ނިންމައިފިއެވެ.

މީގެކުރިން އަހަރީ އާންމު ޖަލްސާ ބޭއްވުމަށް މަސައްކަތްކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތާއި، ކޯރަމް ހަމަނުވުމާއި ގުޅިގެން އެފަހަރު ނުބޭއްވުނެވެ. އޭގެފަހުން އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހު ވަނީ ފަސްކޮށްފައެވެ.

މިދިޔަ އަހަރަކީ ބޮޑީބިލްޑިންގައި ރާއްޖެއަށް ފާހަގަކޮށްލެވޭ އަހަރެކެވެ. ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން ދެ އެތުލީޓުން ލޯ މެޑަލް ހޯދިއިރު، މި ދެ މެޑަލް ހާސިލުކުރީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީން މުހައްމަދު މޫސާ އާއި ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން ލޯ މެޑަލް ހާސިލްކުރި އަޒްނީން ރަޝާދު އެވެ.

މީގެއިތުރުން މިދިޔަ އަހަރު ވާދަކުރި އެކި މުބާރާތްތަކާއެކު ޖުމްލަ 8 މެޑަލް ރާއްޖެއިން ވަނީ މިދިޔަ އަހަރު ހޯދާފައެވެ. ބޮޑީބިލްޑިން އިން ރާއްޖޭގެ ބޮޑީބިލްޑަރުން ބޮޑެތި ކާމިޔާބީތަކެއް މިއަހަރު ހޯދިއިރު، މިއަހަރު ރާއްޖޭގައި ބާއްވަން މަސައްކަތްކުރި 54 ވަނަ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ވަނީ ކޮވިޑުގެ ހާލަތާއި ގުޅިގެން ފަސްކޮށްފައެވެ.