ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކުރި ހަމައެކަނި ލަނޑާއި އެކު ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުުލަބް ވެލެންސިއާގެ ފެށުން ރަނގަޅުކޮށްފިއެވެ.

ކުލަބް ގްރީިންސްޓްރީޓްސް އާއި ވާދަކޮށް ކުލަބް ވެލެންސިއާ މި މެޗު ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދަގަނޑޭގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ އެވެ.

މެޗުގައި ވެލެންސިއާގެ ހަމައެކަނި ލަނޑު ދަގަނޑޭ ކާމިޔާބުކޮށްފައިވަނީ މެޗުގެ 26 ވަނަ މިނެޓުގައެވެ. މިއީ 15 އަހަރަށްފަހު ވެލެންސިއާގެ ޖާރޒީގައި ދަގަނޑޭ އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އެކަނި ކުރި މަސައްކަތުން ކަން ފާހަގަކޮށްލެވެއެވެ.

ކުލަބް ގްރީންސްޓްރީޓް އަދި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

މި ގޯލަށްފަހު ވެސް ވެލެންސިއާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ހާއްސަކޮށް އަލީ ފާސިރު (ސެންޓޭ) އަށް ލިބިގެންދިޔަ ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ދަގަނޑޭ ޖެހި މި ގޯލާއެކު ކުލަބް ގްރީންސްޓްރީޓްސް އިންވެސް ވަނީ ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ގްރީންގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އާއި އަބްދުﷲ ޔާމީން އަށް ލިބިގެންދިޔަ ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ޖުމްލަގޮތެއްްގައި ވެލެންސިއާ އިން މި މެޗުގައި ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށާއި ފުރަތަމަ ހާފާއި ހިލާފަށް ފަހު ހާފުގައި ޓީމުގެ ކުޅުން އެހާ ރަނގަޅުނޫން ކަމަށެވެ. ނަމަވެސް ފުރަތަމަ މެޗުން މޮޅުވުމުން އެ ހިތްހަމަޖެހުން އެބައޮތް ކަމަށްވެސް ބުންޏެވެ.

ކުލަބް ގްރީންސްޓްރީޓްސް ގެ ކޯޗު އަލީ ނިސްތާރުގެ މައިގަނޑު ކަންބޮޑުވުމަކީ މެޗުގެ ރެފްރީންނެވެ. އެގޮތުން ރެފްރީންގެ ނިންމުންތަކާއި މެދު ފާޑުކިޔަމުން ނިސްތާރު ބުނީ މި ފެންވަރުގެ މެޗެއްގައި ރެފުރީއެއްގެ ފަރާތުން ނުފެންނާނެ ވަރުގެ ގޯސްތައް ރެފުރީ ހަދާފައިވާ ކަމަށެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ވެލެންސިއާ އިން އެންމެ އަވަހަށްވެސް ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށެވެ.