ޕްރިމިއަރ ލީގުގައި ފުރަތަމަ އެގާރާއިން އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ބާކީކުރި އެލެކްސަންޑްރާ ލަކަޒެޓް ބެންޗުން އަރާ ކާމިޔާބު ކޮށްދިން ލަނޑުން ބްރައިޓަން އަތުން އާސެނަލް ބަލި ނުވެ ސަލާމަތް ވެއްޖެއެވެ.

މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ބެންޗުން އަރާ ލަކަޒެޓް ކާމިޔާބު ކޮށްދިނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. 0-1 އިން ބްރައިޓަން އަތުން ހޯދި މޮޅާއެކު މިއީ ޖެހިޖެހިގެން 7 މެޗުން މޮޅެއް ނުހޯދި އޮތުމަށްފަހު އެޓީމަށް ވަނީ ޖެހިޖެހިގެން ދެ މެޗުން މޮޅުވެފައެވެ.

މެޗުގެ ފުރަތަމަ 11 އިން ލަކަޒެޓް އަށް ޖާގަ ނުލިބުނީ އަނިޔާގައި ހުރި އެޓީމުގެ ކެޕްޓަން އޮބަމަޔަންގް އަނިޔާއިން ފަސޭހަވެ މެޗުގައި ކުޅުމަށް ފިޓްވުމާއި ގުޅިގެންނެވެ. ކުޅެން އެރިތާ 29 ސިކުންތު ތެރޭގައި އޭނާ ކާމިޔާބުކުރި މި ލަނޑާއި އެކު އާސެނަލް މޮޅުވި އިރު އެޓީމުގެ ސަޕޯޓަރުން އަދި މެޗު އެނަލައިޒް ކުރި ގިނަ ފަރާތްތަކުން ލަކަޒެޓް ސިފަކުރަނީ އާސެނަލްގެ ސުޕާ ސަބްގެ ގޮތުގައި އެވެ.

މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް މޮޅު ކުޅުމެއް ދެއްކި ބްރައިޓަން އަށް ލަނޑެއް ކާމިޔާބު ކުރުމަށް ވަރަށް ހުސް ދެ ފުރުސަތެއްވެސް ވަނީ ލިބިފައެވެ. މި ދެ ހަމަލާވެސް ތަނަވަސް ކޮށްދީފައި ވަނީ އެޓީމުގެ އީރާން މިޑްފީލްޑަރު އަލީ ރިޒާ ޖަހަންބަކް އެވެ. އެހެންނަމަވެސް އާސެނަލްގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއި އެކު ދިފާއު ކޮށްފައެވެ.

މި އަހަރުގެ ތެރޭގައި އެޓީމުން ޕްރިމިއަރ ލީގުގައި ކުޅޭނެ ފަހު މެޗުން ހޯދި މި މޮޅާއި އެކު ލިބުނު ތިން ޕޮއިންޓާއެކު އާސެނަލް ވަނީ ޕޮއިންޓް ތާވަލްގެ 13 ވަނައަށް ކުރިއަށް ޖެހިލާފައެވެ. މީގެ ހަފްތާތަކެއް ކުރިން އެޓީމަށް ރެލިގޭޝަންގެ ބިރުއޮތް ކަމުގައި ވީނަމަވެސް މަޑުމަޑުން ކުޅުން ރަނގަޅުކޮށް މުހިންމު މޮޅެއް ޗެލްސީ އަތުންވެސް އެޓީމު ވަނީ ހޯދާފައެވެ.