މިއަހަރުގެ ފަހު މެޗުގައި ސްޕެނިޝް ލަލީގާގައި ލީގުގެ ގަދަ ބާރު ބާސެލޯނާއިން އެޓީމުގެ ތަރި ލިއޮނެލް މެސީ ނުލާ ކުޅުނު މެޗުގައި އެއިބާ އަތުން އެޓީމު އެއްވަރު ވެއްޖެއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ބާސާއަށް ލަނޑު ޖަހާނެ ހުސް ފުރުސަތު ތަކެއް ލިބި ވަނީ ބޭކާރު ވެފައެވެ.

އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު، ފުރަތަމަ ހާފުގެ 8 ވަނަ މިނެޓުގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރު ވެފައެވެ. އޭރިއާ ތެރެއިން ބާސާގެ ރޮނާލްޑް އަރައުހޯ އަށް އެއިބާގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު މި ޕެނަލްޓީ ބްރެއިތްވެއިޓް އަށް ގޯލްގެ ތެރެއަށް ފޮނުވާލެވިފައެއް ނުވެއެވެ.

މީގެ އިތުރުން މިހާފުގެ 25 ވަނަ މިނެޓުގައި ޖޫނިއަރ ފިރްޕޯ ނަގައިދިން ހުރަސް ބްރެއިތްވެއިޓް ގޯލްގެ ތެރެއަށް ވައްދާލި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އޭނާ އޮފްސައިޑުގައި ހުރި ކަމަށް ބުނެ ލަނޑު ބަލައި ނުގަންނަން ނިންމާފައެވެ.

އޭގެ ފަހުން ދެޓީމުންވެސް، ހާއްސަކޮށް ބާސާއިން ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކުރި ނަމަވެސް ދެޓީމުން ކުރެ ޓީމަކަށް މިހާުފުގައި ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެއިބާ އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކިކޭ އެވެ. އެހެންނަމަވެސް އޭގެ ދިހަ މިނެޓު ފަހުން ފިރްޕޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި އުސްމާން ޑެމްބެލޭ ވަނީ ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މިނަތީޖާ އާއިއެކު ބާސާއިން އަހަރު ނިންމާލީ ޕޮއިންޓް ތާވަލުގެ 6 ވަނައިގައި އޮވެގެންނެވެ. އެޓީމުން ވަނީ ކުޅުނު ފަނަރަ މެޗުން ހަތް މެޗު ކާމިޔާބުކޮށް ހަތަރު މެޗުން އެއްވަރުވެ ޖުމްލަ 25 ޕޮއިންޓު ހޯދާފައެވެ. އެއިބާ އޮތީ 15 ވަނައިގައި 16 ޕޮއިންޓް ހޯދައިގެންނެވެ.