އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒައިރުގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ދަ ގްރާންޑޭ އާއި ދެކޮޅަށް ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ވަގުތީ ގޮތުން މާޒިޔާގެ ކޯޗު ކަމާއި ސުޒައިރު ހަވާލުވީ ލީގުގައި އެންމެ ފަހުން ކުލަބު ވެލެންސިއާ އާއި ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި މާޒިޔާ އެއްވަރުވި މެޗަށްފަހު އެ ޓީމު ކޯޗުގެ މަގާމުން މުޙައްމަދު ނިޒާމް (ނިޒާމްބެ) އިސްތިއުފާދިނުމާ ގުޅިގެންނެވެ. އެހެންނަމަވެސް މެޗާއި ކުރިމަތިިލި އިރުވެސް މާޒިޔާއިން ވަނީ ސާބިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު ރިސްޓޯ ވިޑަކޮވިޗް އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައެވެ. އެކަމަކު މި މެޗުގައި މާޒިޔާއަށް އިރުޝާދުދީފައިވަނީ އެސިސްޓަންޓް ކޯޗު ކޯޗު އަޙްމަދު ސުޒައިރެވެ.

ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާ މިހާފު ޑޮމިނޭޓް ކުރީ މާޒިޔާ އިންނެވެ. ނަތީޖާ އަކަށްވީ މިހާފުގައި އެޓީމުން ދެލަނޑު ކާމިޔާބުކޮށް މެޗުގައި ހަމަޖެހިލުމެވެ. މާޒިޔާއަށް ލީޑު ނަގައިދިން ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިފެންޑަރު މޫސާ ޔާމީން (ޔާމްބެ) އެވެ. މާޒިޔާއިން ލީޑު ފުޅާކުރި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. މިއީ އޭރިއާ ތެރެއިން މާޒިޔާގެ ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މާޒިޔާ އާއި ޑަ ގްރާންޑޭ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ: އެފްއޭއެމް

ދެވަނަ ހާފާއި ދަ ގްރާންޑޭ ކުރިމަތިލީ ފުރަތަމަ ހާފުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ލަނޑު ޖެހުމަށް އިތުރު ހިތްވަރަކާއި އެކުގައެވެ. ރަނގަޅު ޕާސްތަކެއް ކޮށް އެޓޭކް ތަކެއް އުފައްދަން މަސައްކަތްކުރު ދަ ގްރާންޑޭއަށް ފަރަގު ކުޑަކޮށްދިން ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޙްމަދު އަޔާޒް (އަޔާ) އެވެ. މިއީ މާޒިޔާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، އޭރިއާ ތެރެއަށް ވަދެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. އަދި މި މެޗުގައި ދަ ގްރާންޑޭއިން ނަތީޖާ އެއްވަރުކޮށްފައިވަނީ އިތުރު ވަގުތުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކޮމިލޯވް އަބްދުރަސުލެވެ.

މާޒިޔާ އާއި ޑަ ގްރާންޑޭ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ: އެފްއޭއެމް

މި ނަތީޖާއާއެކު މާޒިޔާ އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. ދަ ގްރާންޑޭ ތިންވަނައިގައި ހަތަރު މެޗުން ފަސް ޕޮއިންޓު ހޯދައިގެން އޮތްއިރު ދެވަނައިގައި ވެލެންސިއާ އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.