ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ އިތުބާރު ފޯވާޑް އެޑެން ހަޒާޑްގެ އުފަންދުވަހުގެ ހަދިޔާއަކަށް އެންމެ ބޭނުންވަނީ ރެއާލް އާއި އެންމެ ވާދަވެރި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީގެ "ވާތު ފައި" ކަމަށް އޭނާ ބުނެފިއެވެ.

މިހިނގާ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު 30 އަހަރު ފުރުން ކުޅަދާނަ ފޯވާޑް ހަޒާޑް އާއި ސްޕެއިންގެ މީޑިއާއަކުން ކުރި އިންޓަވިއު އެއްގައި ކުޅުނު "ކުއިކްފަޔަރ" ގޭމެއްގައި ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ވަނީ ފުޓުބޯޅައިގެ ތިން ޝަހުސިއްޔަތެއްގެ ތިން ކަމެއް ބޭނުންވާ ކަމަށް ބުނެފައެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ބުނެފައިވަނީ މެސީގެ ފަރާތުން އެންމެ ބޭނުންވަނީ އޭނާގެ ވާތު ފައި ކަމަށެވެ.

މީގެ އިތުރުން ރޮނާލްޑޯގެ ފަރާތުން އެންމެ ބޭނުންވަނީ ކޮންކަމެއްތޯ ކުރި ސުވާލަށް ޖަވާބު ދެމުން ހަޒާޑް ބުނީ އަބަދުވެސް ކަންކަމުގައި ކާމިޔާބީ ހޯދުމަށް އޭނާ އެ ގެންގުޅޭ އަޒުމު އެއީ އެންމެ ބޭނުންވާ އެއް ކަންތައް ކަމަށެވެ. އަދި މިހާރު އޭނާ ކުޅޭ ކުލަބް ރެއާލް މެޑްރިޑުގެ ކޯޗުގެ ފަރާތުން އެންމެ ބޭނުންވަނީ ކޮންކަމެއްތޯ އެހުމުން ޖަވާބުގައި ހަޒާޑް ބުނީ ޒިދާންގެ "ކްލާސް" ވަރަށް ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް އޭނާ އަކީވެސް "ކްލާސް" މީހެއް ކަމަށާއި ޒިދާންގެ ފެންވަރަށް އަދި ނުދެވޭ ކަމަށްވެސް ހަޒާޑް ބުނެފައި ވެއެވެ.

ކުރު ޖަވާބު ތަކެއް ދޭން ޖެހޭ 30 ސުވާލު ކުރި މިގޭމުގައި ހަޒާޑް ވީއޭއާރް އާއި މެދު ދެކޭގޮތް ބުނެދިނުމަށް ނޫސްވެރިޔާ އެދުމުން އޭނާ ބުނީ ވީއޭއާރްގެ ސަބަބުން ފުޓުބޯޅަ ހަލާކުވެގެން ދާކަމަށެވެ. އަދި އެބާރު ލިބިއްޖެކަމުގައި ވާނަމަ ފުޓުބޯޅައިން ވީއޭއާރް އުވާލާނެ ކަމަށްވެސް ހަޒާޑް ވަނީ ބުނެފައެވެ.

2019 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ރެއާލްއަށް ބަދަލުވި ހަޒާޑަށް މިހާތަނަށް ރެއާލްގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު އަނިޔާވެ ކުޅުމާއި ދުރުގައި ހުންނަން ޖެހުމުގެ ސަބަބުން ފާއިތުވީ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި އޭނާ ފެނިގެން ގޮސްފައިވަނީ މަދު މެޗެއްގައެވެ. ގޭމުގައި އެންމެ ފަހު ސުވާލެއްގެ ގޮތުން ފުޓުބޯޅައިން ރިޓަޔާ ވާން ނިންމާފައިވަނީ ކޮން އިރަކުންތޯ އެހުމުން ހަޒާޑް ބުނީ ފުޓުބޯޅަ ކުޅުން ހުއްޓާލާނީ މެޗެއް ކުޅުމުން އެލިބޭ ހިތްހަމަޖެހުން ނުލިބޭކަން އިހުސާސްވާ ދުވަހުގައި ކަމަށެވެ. އަދި މި ދާރޭޓުން އަނިޔާގެ މައްސަލަތައް ކުރިމަތި ވާނަމަ އުމުރުން 35 އަހަރު ވަންދެންވެސް ފުޓުބޯޅަ ކުޅެވިދާނެ ކަމާއިމެދު ޝައްކުވާ ކަމަށް ހަޒާޑް ވަނީ ބުނެފައެވެ.

100 މިލިއަން ޑޮލަރުގެ އިނީޝިއަލް ޓްރާންސްފަރ ފީއެއްގައި ސްޕެއިންގެ ޗެމްޕިއަން ރެއާލް އަށް ސޮއެކުރި ހަޒާޑް އެޓީމާއި އެކު ހަދާފައިވާ އެއްބަސް ވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.