ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ލިބުނު މޮޅާއެކު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނައަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޖެހިލައިފިއެވެ.

މާޒިޔާގެ އާ ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ ކޯޗުކަމުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައި ވެއެވެ. މާޒިޔާއިން މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 17 ވަނަ މިނެޓުގައެވެ. މި ލަނޑު މުހައްމަދު އުމެއިރު ޖަހާފއިވަނީ ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ލަނޑަށްފަހު ވެސް މާޒިޔާއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

މާޒިޔާއާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

މާޒިޔާގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކޮނޭލިއަސް ސްޓެވާޓް(ކޯނޭ) އެވެ. އަދި ފުރަތަމަ ހާފު ނިމެން ދަނިކޮށް މާޒިޔާގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދެެއްކި ކޯނޭ އެވެ.

ސަސް އަށްވެސް މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން އެ ޓީމުގެ ޑިފެންޑަރ އަހްމަދު އައިހަމް އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ވެލެންސިއާ އަަށްވެސް ހަމަ މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ވެލެންސިއާ ދެވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. މި މެޗުން ބަލިވި ސަސް އޮތީ ތާވަލުގެ ފަސްވަނައިގައި ފަސް މެޗުން ހަ ޕޮއިންޓާއެކުއެވެ.