އެމެރިކާގެ ފެތުންތެރިޔާ މައިކަލް ފެލްޕްސް ޑިޕްރެޝަނަށް

ކެރިއަރުގައި ގިނަ ކާމިޔާބީ ތަކެއް ހޯދާ މިހާހިސާބަށް އައިއިރު ގިނަ ކަންތައްތަކަކާއި ކުރިމަތިލާން ޖެހުމުން ދުނިޔޭގެ އެންމެ ކާމިޔާބު އޮލިމްޕިކް ފެތުންތެރިޔާ މައިކަލް ފެލްޕްސް ޑިޕްރެޝަން އަށް ގޮސްފައިވާ ކަމަށާއި އެކަމުގައި އޭނާ ނިމިގޮސްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާގެ އަންހެނުން ނިކޯލް ފެލްޕްސް ބުނެފިއެވެ.

އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ނިކޯލް ބުނީ ފެލްޕްސް ގިނަ ކަންތައްތަކަކާއި ކުރިމަތިލާން ޖެހުމުން އޭނާގެ ހާލަތު ދުވަހުން ދުވަހަށް ދަށްވަމުންދާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. ހާއްސަ ގޮތެއްގައި ފާއިތުވީ އަހަރު ހެލިކޮޕްޓަރ އެކްސިޑެންޓެއްގައި މަރުވި މަޝްހޫރު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ކޯބޭ ބްރަޔަންޓްގެ މަރަށްފަހު ފެލްޕްސްގެ ހާލަތު އިތުރަށް ގޯސްވި ކަމަށެވެ. މީގެ އިތުރުން ކޯބޭގެ މަރާއިއެކު އޭނާގެ އަންހެނުން ވެނެސާ ތަހައްމަލުކުރި ވޭން ވަރަށް ގާތުން ދުށް ކަމަށާއި ފެލްޕްސް ދުނިޔެ ދޫކޮށްފިނަމަ އެކަމުގައި އޭނާ ނިމިގެންދާނެ ކަމަށްވެސް ނިކޯލް ވަނީ ބުނެފައެވެ.

އަމިއްލައަށް މަރުވާން އެތައް ފަހަރަކު ނިންމި ކަމަށް އަދި އެކަމަށް ބައެއްފަހަރު ކޮންމެވެސް ވަރަކަށް މަސައްކަތްވެސް ކުރެވުނު ކަމަށް 2012 ވަނަ އަހަރު ސީބީއެސްއަށް ދިން އިންޓަވިއު އެއްގައި ފެލްޕްސް ވަނީ އިއުތިރާފްވެފައެވެ. ބައެއް ކަންތައްތަކާއި ކުރިމަތިލާން ބޭނުންނުވެ ދުނިޔޭގައި އުޅުމަށްވުރެ މަރުވުންވެސް މާ ރަނގަޅު ކަމަށް ނިންމާ ކިތަންމެ ފަހަރަކު އަމިއްލަ ފުރާނަ ދުއްވާން މަސައްކަތް ކުރި ކަމަށްވެސް ފެލްޕްސް ވަނީ މި އިންޓަވިއުގެ ތެރެއިން ފެލްޕްސް ވަނީ ބުނެފައެވެ.

ކުޅިވަރުގެ އެންމެ އުހުގައި އެތައް އަހަރުތަކެއް ހޭދަ ކުރުމަށްފަހު ރަނގަޅަށް ކައުންސިލިން ނުލިބި އެތައް އެތްލީޓުންތަކެއް ޑިޕްރެޝަން އާއި ކުރިމަތިވެ ދިރިއުޅުމުގައި އެތައް ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވެއެވެ. ބައެއް ހާލަތް ތަކުގައި އެކަށީގެންވާ އެހީތެރިކަން ނުލިބި ބައެއް އެތްލީޓުން އަމިއްލައަށް މަރުވެފައިވާތަން ވެސް ފެނިފައި އެބަވެއެވެ.

ރާއްޖޭގައިވެސް ބައެއް އެތްލީޓުން ޓޮޕް ލެވެލްގައި ކުޅިވަރުތައް ކުޅުން ހުއްޓާލުމަށްފަހު އެކަށިގެންވާ ކައުންސިލިން ނުލިބި ދިރިއުޅުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.