ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މިއަހަރު ބާއްވާ ތިިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގުރުނަގައިފި އެވެ.

އަންނަ ފެބްރުއަރީ މަހުގެ ހަތަރެއްގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ވާދަކުރަނީ ޖުމްލަ 15 ޓީމެވެ. މި 15 ޓީމާއެކު މުބާރާތް ކުރިޔަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި މިއިން ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު ފަހު ގްރޫޕުގައި ހިމެނޭނީ ތިން ޓީމެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 24 ގައެވެ. މިިމަހުގެ 5 ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއިރު ޖުމްލަ 22 ޓީމެެއް މުބާރާތުގައި ވާދަކުރުމަށް ފޯމު ހުށައެޅިއެވެ. ނަމަވެސް ގިނަ ޓީމުތަކެއްގެ ލިޔެކިޔުންތައް ހަމަނުވުމުގެ ސަބަބުން ދެ ފަހަރެއްގެ މަތިން އެފްއޭއެމުން ވަނީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްދީފައެވެ.

ތިންވަނަ ޑިވިޝަނުގެ ގުރުނެގުމުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

އިތުރުކުރި މުއްދަތުގެ ތެރޭގައި ޖުމްލަ 16 ޓީމެއް ލިޔެކިޔުންތައް ހުށައެޅި ނަމަވެސް އޭގެތެރެއިން އެއް ޓީމު ނަން ނެގިއެވެ. އެއީ އަމިއްލަ ސަބަބުތަކާއި ހުރެއެވެ.

ގިނަ ޓީމުތަކަކުން މިހާރުވެސް މި މުބާރާތައް ފަރިތަކުރުންތައް ފަށާފައިވެއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަކަށް ސެމީފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް އެފްއޭއެމުން ތާވަލުކޮށްފައިވަނީ މާރޗް މަހުގެ 9 ގައެވެ.

ވޭތުވެދިޔަ ދެ އަހަރުވެސް ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ބާއްވާފައެއް ނުވެއެވެ. މި މުބާރާތް އެންމެފަހުން ބާއްވާފައިވަނީ 2018 ވަނަ އަހަރުގައެވެ. އެ ފަހަރުގެ ޗެމްޕިއަނުންނަކީ ރޮކް ސްޓްރީޓްސް ސްޕޯޓްސް ކުލަބެވެ.