ޕައުލް ޕޮގްބާއަކީ ދަނޑުމަތީގައި ކޮންމެފަދަ ހާލަތެއްގައިވެސް ނަތީޖާ ބަދަލުކުރެވޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ ހުރިހާ ކަމެއްވެސް ކުރެވޭ ފެންވަރުގެ މޮޅު ކުޅުންތެރިއެއް ކަމަށް ބުނެ ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ޕޮގްބާއަށް ތައުރީފުކޮށްފި އެވެ.

ބުދަދުވަހު ފުލަމް އަތުން 2-1 އިން މޮޅުވި މެޗުގައި ޕޮގްބާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ. މި މެޗުން ޔުނައިޓެޑު މޮޅުވި ލަނޑު ޖަހާފައިވަނީ ވެސް ޕޮގްބާއެވެ. ހިތްގައިމު ރީތި މި ލަނޑު ޕޮގްބާ ޖަހާފައިވަނީ މެޗުގެ 65 ވަނަ މިނެޓުގައެވެ.

އަނިޔާއާއި ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ސީޒަނުގެ ކުރީކޮޅު ކުޅުމާއި ދުރުގައި ދިގު މުއްދަތެއް ވަންދެން ހުރުމަށްފަހު ޕޮގްބާ ކުޅުމުގެ ތެރެއަށް އައިސް އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގެ މިހާތަނަށް ޕޮގްބާ ވަނީ ޔުނައިޓެޑަށް ފަސް މެޗު ކުޅެދީފައެވެ. މި މެޗުތަކުގައި ވެސް ޕޮގްބާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖެހީ ފުލަމް އެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޑެމޮލާ ލުކްމަން އެވެ. ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރި ލަނޑު 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައި ވަނީ އެޑިންސަން ކަވާނީ އެވެ.

މި މޮޅާއެކު ޔުަނައިޓެޑް ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެ ޓީމު އެއްވަނައިގައި އޮތީ ޖުމްލަ 40 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތީ 38 ޕޮޮއިންޓާއެކު ވާދަވެރި މެންޗެސްޓަރ ސިޓީއެވެ.

މެޗަށްފަހު ބީބީސީއާއި ވާހަކަދައްކަމުން މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ބުނީ ޕޮގްބާއަކީ ޔުނައިޓެޑަށށް ވަރަށް ބޭނުންތެރި ކުޅުންތެރިއެއް ކަމަށެވެ.

"އަހަރެން އަބަދުވެސް ބުނާ އެއްޗެއް ޕޮގްބާއަކީ ކޮންމެ ކަމެއްވެސް ކުރެވޭނެ ކުޅުންތެރިއެކޭ، އޭނާއަށް ވައިޑަށްވެސް ކުޅެވޭ، މިޑްފީލްޑުން ހަމަލާތައް އުފައްދަން އެހާ މޮޅު، ފުލަމް މެޗުގައި ވައަތު ފައިން އެ ޖަހާލި ގޯލުން އަހަންނަށް ސިހުން ގެނުވި، އެހާވެސް މޮޅު ގޯލެއް އެއީ، ޕޮގްބާއަކީ ވޯކްރޭޓް ރަނގަޅު ކުޅުންތެރިއެއް" ޕޮގްބާއަށް ތައުރީފުކުރަމުން ސޯލްޝެއާ ބުންޏެވެ.

މި ސީޒަނުގެ ލީގުގައި ޔުނައިޓެޑް މިހާތަނަށް އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ މޮޅުވެފައެވެ.