އިނގިރޭސި ޕްރިމިއަރ ލީގު ތާވަލުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން ބަލިވެ މެންޗެސްޓަރ ޔުނައިޓެޑް ލަދުވެތިގޮތަކަށް ބަލިވެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި ޝެފީލްޑް އަތުން އެ ޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ޝެފީލްޑް އަށް ވަރަށް މުހިއްމު މޮޅެކެވެ. ޔުނައިޓެޑްގެ މައްޗަށް ޝެފީލްޑް މި ހޯދި ކާމިޔާބީއަކީ މި ލީގުގައި އެޓީމު މިހާތަނަށް ކުޅުނު ވިހި މެޗުން ލިބުނު ދެވަނަ މޮޅެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ޝެފީލްޑް އެވެ. މި ލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކީން ބްރަޔަން އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ޝެފީލްޑް ލީޑުގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ޔުނައިޓެޑުން ކުޅުން ރަނގަޅުކުރަން ވަރަށް މަސައްކަތްކުރި އެވެ. އެގޮތުން ހާފުގެ ކުރީކޮޅު ނަތީޖާ އެއްވަރުކުރުމަށް އެ ޓީމުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އެ ޓީމަށް ނަތީޖާ ހަމަހަމަކުރި އެވެ.

މި ލަނޑަށްފަހު ޔުނައިޓެޑުން ފޯވާޑް ލައިނަށް ބަދަލެއް ގެނައެވެ. މޭސަން ގްރީންވުޑްގެ ބަދަލުގައި އެޑިންސަން ކަވާނީ ކުޅެން އެރުވިއެވެ. ނަމަވެސް މާބޮޑު ތަފާތެއް އޭނާ އެރުވުމަށްފަހު ނުފެނުނެވެ. މެޗުން ޝެފީލްޑް މޮޅުވި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮލިވަރ ބާކް އެވެ.

މި މެޗުން މޮޅުވިނަމަވެސް އަދިވެސް ޝެފީލްޑް އޮތީ ތާވަލުގެ ފުލުގައެވެ. އެ ޓީމު ރެލިގޭޝަނުން ސަލާމަތްވާން އިތުރު ދިހަ ޕޮއިންޓު އަދި ބޭނުންވެއެވެ. މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ޔުނައިޓެޑަށް ވަނީ ގެއްލިފައެވެ. އެއް ޕޮއިންޓުގެ ފަރަގަކާއެކު އެއްވަނައިގައި އޮތީ ވާދަވެރި މެންޗެސްޓަރ ސިޓީއެވެ.