އިނގިރޭސި ޕްރިމިއަރ ލީގުގެ ފުލުގައި އޮވެ ރެލިގޭޓުވެފައިވާ ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ޓޮޓެންހަމްގެ ބޭލް ހެދި ހެޓްރިކާއެކު އެ ޓީމު މޮޅުވެއްޖެ އެވެ.

ޓޮޓެންހަމްގެ ދަނޑުގައި އެ ޓީމު ކުޅުނު މެޗު ކާމިިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބޭލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ. މިއީ އެސްޓަންވިލާ ކޮޅަށް 2012 ގައި ފުރިހަމަކުރި ހެޓްރިކަށް ފަހު ބޭލް ފުރިހަމަކުރި ދެވަނަ ހެޓްރިކެވެ.

މި މެޗާއި ކުރިމަތިލި ޝެފީލްޑް ވަނީ މިިދިޔަ އޭޕްރީލް 17 ވަނަ ދުވަހު ވުލްވްސް އަތުން ވި ބައްޔާއެކު މުބާރާތުން ރެލިގޭޓުވެފައެވެ. ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މި މެޗުގައި އެ ޓީމަަށް ހެދުނީ އެއް ޝޮޓެވެ. އަދި އެ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.

މެޗުގައި ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ފެނިގެންގޮސްފައި ވަނީ 36 ވަނަ މިނެޓުގައެވެ. އައުރިއާ ގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގެރެތް ބޭލް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ޓޮޓެންހަމް ދިޔައީ ޝެފީލްޑް ކޮޅަަށް ބާރުބޮޑުކުރަމުންނެވެ. މި ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ޓޮޓެންހަމްގެ ސޮން ޖެހި ލަނޑެއް ވަނީ އޮފްސައިޑުވުމުގެ ސަބަބުން ބަލައިނުގަނެފައެވެ. އޭގެފަހުން މެޗުގެ 61 ވަނަ މިނެޓުގައި ބޭލް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ.

މި ލަނޑު ޖެހިތާ އަށް މިނެޓުފަހުން ބޭލް ވަނީ އޭނަގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ބޭލްގެ ފުރަތަމަ ލަނޑު ޖެހުމުގައި އެހީތެރިވި ކުޅުންތެރިޔާގެ އެހީގައި ކާމިޔާބުކުރި ލަނޑެކެވެ. ޓޮޓެންހަމްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ސޮން އެވެ.