އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ދެ ބާރު ކަމަށްވާ އާސެނަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ކުރިމަތިލުން ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުގެ މި ނަތީޖާއާއެކު ތާވަލުގެ ދެވަނައިގައި މެންޗެސްޓަރ ޔުނައިޓެޑް އޮތީ ކުޅުނު 21 މެޗުން ލިބުނު 41 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި ސިޓި އޮތީ އެއް މެޗު މަދުން ކުޅެގެން 44 ޕޮއިންޓާއެކު އެވެ. އާސެނަލް އޮތީ ތާވަލުގެ ނުވަ ވަނައިގައި 31 ޕޮއިންޓާއެކު އެވެ. އެއީ ކުޅުނު 21 މެޗުންނެވެ.

މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި އެންމެ ބިޒީ ކީޕަރެއްގެ ގޮތުގައި ފާހަގަކުރެވުނީ އާސެނަލްގެ ކީޕަރު ބާން ލެނޯ އެވެ. އޭނާ ވަނީ ގިނަ ހަމަލާތަކެއް މަތަކޮށްފައެވެ. މި ހާފުގައި ޔުނައިޓެޑަށް ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބްރޫނޯ ފެނާންޑޭސް އަށެވެ. ނަމަވެސް އާސެނަލް އަށްވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވިކަން ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފުގައި އާސެނަލް ފެނުނީ ފުރަތަމަ ހާފާއި ހިލާފަށް ވަރުގަދަކޮށެވެ. މި ހާފުގައި އާސެނަލަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ލަކަޒޭޓް އަށެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލު ދަނޑިއާއި އަމާޒުވިއިރު ޔުނައިޓެޑުން އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރީ އެޑިންސަން ކަވާނީ އެވެ. މި މެޗުގައި އާސެނަލާއި ދާދިފަހުން ގުޅުނު ނޯވޭގެ ޒުވާން މިޑްފީލްޑަރު މާޓިން އޮޑެގާޑް ކުޅެން އެރިއެވެ. ލޯނު އުސޫލުން ރެއާލުން ގެނައި އޮޑެގާޑް އާއެކުއެ އާސެނަލް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

މުބާރާތުގައި ސިޓީ އެއްވަނައިގައި އޮތީ ތާވަލުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. އެެއްވަނައިގައި އެ ޓީމު އޮތީ ތިން ޕޮއިންޓުގެ ލީޑަކާއެކު އެވެ.