އެކުވެރިކަމުގެ މެޗެއްގައި މިރޭ ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި ބްރެޒިލްގެ ތަރި ނޭމާ ކުޅޭނެ ކަމަށް އެޓީމުގެ ކޯޗު ޓީޓޭ ބުނެފިއެވެ.

ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޭމާގެ ފަޔަށް އަނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެ އަނިޔާއާ ގުޅިގެން ސީޒަނުގެ ފަހުކޮޅު ޕީއެސްޖީން ކުޅުނު އެއްވެސް މެޗެއްގައި ނޭމާ އަށް ވަނީ ކުޅެވޭ ގޮތް ނުވެފައެވެ.

އަނިޔާއަށްފަހު ފުރަތަމަ މެޗު ކުޅެން ނޭމާ ތައްޔާރުވެފައިވާއިރު ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ނޭމާ އަދިވެސް އަނިޔާ އިން ރަނގަޅުވުމަށް މަސައްކަތް ކުރަމުން އަންނާތީ އޭނާގެ މިރޭގެ މެޗު ފަށާނީ ބެންޗުން ކަމަށެވެ.

"ނޭމާ އަދިވެސް އަންނަނީ އަނިޔާ އިން ރަނގަޅުވުމަށް މަސައްކަތް ކުރަމުން. އެހެންވީމަ މިރޭގެ މެޗުގެ ފުރަތަމަ ހާފަށްފަހު ނޭމާ ފެނިގެންދާނެ. އަހަރުމެން ވޯލްޑް ކަޕަށް ތައްޔާރު މިވަނީ ޓީމެއްގެ ގޮތުގައި" ޓީޓޭ ބުންޏެވެ.

ނޭމާ އަކީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށާއި ނަމަވެސް އެހެން ކުޅުންތެރިން ވެސް ލިބޭ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަންޖެހޭނެ ކަމަށްވެސް ޓީޓޭ ބުންޏެވެ.

ނޭމާގެ އިތުރުން ލިވަޕޫލް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފަމީނޯ ވެސް މިރޭގެ މެޗު ފަށާނީ ބެންޗުން ކަމަށް ޓީޓޭ ބުންޏެވެ. މިރޭގެ މެޗުގައި ބްރެޒިލް ޓީމުގެ ކެޕްޓަންކަން ކުރާނީ މެންޗެސްޓަރ ސިޓީގެ ޒުވާން ފޯވާޑް ގެބްރިއަލް ޖީސެސްއެވެ.

އިނގިރޭސިވިލާތުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން ހަތެއް ޖަހާއިރުއެވެ.