އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓޭޓިސްޓިކްސް (އައިއެފްއެފްއެޗްއެސް) އިން މި ވޭތުވެދިޔަ ދިހަ އަަހަރުގެ ތެރޭގައި ހޮވުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހޮވިއްޖެއެވެ.

ދުނިޔޭގެ 150 ގައުމުގެ ކުޅުންތެރިންގެ ތެރެއިން މި ލިސްޓު އެކުލަވާލި އިރު ދުނިޔޭގެ އެއްވަނައިގެ އިތުރުން އުތުރު އެމެރިކާ ބައްރުގެ އެއްވަނަ ލިބެނީ މެސީއަށެވެ. ޔޫރަޕު ބައްރުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގެ އެއްވަނަ މެސީއަށް ލިބޭއިރު މި ލިސްޓުގެ ދެ ވަނަ ލިބެނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. ތިންވަނަ ކުޅުންތެރިއަކަށް ކުރިން ބާސާއަށް ކުޅުނު އިނިއެސްޓާ ހޮވުނުއިރު ހަތަރު ވަނަ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާއެވެ. އަދި ފަސް ވަނަ ކުޅުންތެރިއަކަށް ހޮވުނީ ސާޖިއޯ ރާމޮސްއެވެ.

މި ލިސްޓުގެ ގަދަ 10 ކުޅުންތެރިންގެ ތެރޭގައި ދެ ގޯލްކީޕަރުން ވަނީ ޖާގަ ހޯދައިފައެވެ. އެއީ ބަޔާން މިއުނިކްގެ ކީޕަރު ނޯޔާ އާއި ޔުވެންޓަސްގެ ކީޕަރު ބުފޯންއެވެ.

ވޭތުވެދިޔަ ދިހަ އަަހަރުގެ ތެރޭގައި އުމުރުން 33 އަހަރުގެ މެސީ ވަނީ ހަ ފަހަރަށް ސްޕެނިޝް ލީގު، ފަސް ފަހަރަށް ސްޕެނިޝް ކަޕް، ދެ ޗެމްޕިއަންސް ލީގު އަދި ހަތަރު ބެލޮންޑޯ ހޯދާފައެވެ. ވަނަ ހޮވުމުގައި ބެލީ 2011 ވަނަ އަހަރުން 2020 ވަނަ އަހަރާއި ހަމައަށެވެ. މި ސޒަނުގައި އުނދަގޫތަކެއް ހުރި ނަމަވެސް މެސީ ވަނީ އޭނާ މިހާތަނަށް ކުޅުނު މެޗުތަކުގައި 12 ގޯލު ޖަހައި ދެ އެސިސްޓް ހަދައިފައެވެ.