އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް އެންމެފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލްގެ ބަލިވުމުގެ ސިލްސިލާއަށް ނިމުން ގެނެސްފިއެވެ.

ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން އެންމެފަހުގެ ލީގު ކާމިޔާބުކުރިތާ އަށް މަސްވިއިރު މި ސީޒަނުގެ މިހާތަނަށް ލިވަޕޫލް ވަނީ ގިނަ މެޗުތަކަކުން ބަލިވެފައެވެ.

މި މޮޅާއެކު ލިވަޕޫލް އޮތީ ތާވަލުގެ ހަވަނައިގައި 43 ޕޮއިންޓާއެކު އެވެ. ފަސްވަނައިގައި ޗެލްސީ އޮތީ އެއް ޕޮއިންޓް އިތުރަށެވެ. މެޗުން ބަލިވި ޝެފީލްޑް އޮތީ ތާވަލުގެ ފުލުގައި ޖުމްލަ 11 ޕޮއިންޓާއެކު އެވެ . ލިވަޕޫލް އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. އެއީ ލެސްޓާ އާއި ސިޓީގެ އިތުރުން ބްރައިޓަން އަތުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި ހާފުގައި ލިވަޕޫލަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކާޓިސް ޖޯންސް އެވެ. ލިވަޕޫލްގެ ދެވަނަ ލަނޑަކީ ޝެފީލްޑްގެ ކީން ބްރަޔަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ލިވަޕޫލްއެވެ. އަދި ގިނަ ހަމަލާތައްވެސް އުދައްދާފައިވަނީ ވެސް ލިވަޕޫލެވެ. މިއީ ކްލޮޕްގެ ކޯޗުކަމުގެ ދަށުން ލިވަޕޫލްގެ ފަރާތުން އެންމެ ދަށް ކުޅުން ފެންނަ ސީޒަނެވެ.

ލީގުގައި ޝެފީލްޑް ދެން މެޗެއް ކުޅޭނީ ބުދަދުވަހު އެސްޓަންވިލާ އާއެވެ. އަދި ބުރާސްފަތި ދުވަހު ލިވަޕޫލް ބައްދަލުކުރާނީ ޗެލްސީއާއެވެ.