ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުގެ ދެވަނަ ލެގުގައި ލިވަޕޫލްގެ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗަށް އައުމަށް ދަތުރުކުރި ރެއާލް މެޑްރިޑްގެ ކުޅުންތެރިން ތިބި ބަހަށް ލިވަޕޫލްގެ ސަޕޯޓަރުން ހަމަލާދީފި އެވެ.

މިއީ މެޗު ފެށުމުގެ ކުރިން ރެއާލްގެ ކުޅުންތެރިން ލިވަޕޫލްގެ ދަނޑަށް ދަތުރުކުރި ބަހަށް ދިން ހަމަލާއެކެވެ. ބައެއް ސަޕޯޓަރުން ވަނީ ފުޅިއާއި ގައު އުކާފައެވެ. މި ހަމަލާތަކުން ކުޅުންތެރިން ތިބި ބަހުގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ. ބޮޑަށް މި ހަމަލާތަކުގެ ތެރެއިން ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ބަހުގެ ތެރޭގައި ޒިދާން އިށީނދެގެން އިން ސީޓާއި ދިމާލަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މައްސަލަ އިނގިރޭސި ފުލުހުން ދަނީ ބަލަމުންނެވެ. އަަދި މި ހަމަލާއާއި ގުޅިގެން ލިވަޕޫލަށް ޖޫރިމަނާއެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މައްސަލައިގައި ބައެއް ސަޕޯޓަރުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި މެޗާއި ކުރިމަތިލިއިރު ލިވަޕޫލް ވަނީ ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި 3-1 އިން ބަލިވެފައެވެ. އެހެންކަމުން މިއީ އެ ރުޅިގަނޑުގައި ސަޕޯޓަރުންގެ ފަރާތުން ފެނުނު ކަމެއް ކަމަށް ބެލެވެއެވެ.

މި ހަމަލާއާއި ގުޅިގެން ލިވަޕޫލްގެ އިސްވެރިން ވަނީ ރެއާލްގެ ކިބައިން މައާފަށް އެދިފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިކަމާއި ގުޅިގެން ރެއާލުން މައްސަލަ ހުށައަޅާނެކަމަށް ބެލެވެއެވެ.

ލިވަޕޫލް ކަޓުވާލާ މުބާރާތުގެ ސެމީފައިނަލަށް ރެއާލް ވަނީ ދަތުރުކޮށްފައެވެ. އެއީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.