އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ ބަލިކޮށް ޗެލްސީން ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ އެންމެފަހުން މި ދެ ޓީމު ބައްދަލުކުރި އެފްއޭ ކަޕުގެ ފައިނަލުގައި ލެސްޓާ އަތުން ޗެލްސީ ވި ބަލީގެ ބަދަލުހިފުމެކެވެ.

މި ނަތީޖާއާއެކު ޗެލްސީ ތިންވަނައިގައި އޮތީ ކުޅުނު 37 މެޗުން ލިބުނު 67 ޕޮއިންޓާއެކު އެވެ. ހަތަރުވަނައިގައި ލެސްޓާ އޮތީ ހަމަ މިއަދަދަށް މެޗު ކުޅެގެން 66 ޕޮއިންޓާއެކު އެވެ. ގަދަ ހަތަރެއްގެ ފޯރި ގަދަވެފައިވާއިރު ލިވަޕޫލް އާއި ބާންލީ ކުޅޭ މެޗުން ލިވަޕޫލް މޮޅުވެއްޖެ ނަމަ އެ ޓީމަށް ގަދަ ހަތަރަކަށް އެރޭނެ އެވެ. ލިވަޕޫލް ފަސްވަނަ ލިބެނީ 36 މެޗުން 63 ޕޮއިންޓު ލިބިގެންނެވެ.

މި މެޗުގައި ސަޕޯޓަރުންނަށް ކުޅިބެލުމުގެ ފުރުސަތު ވަނީ ދީފައެވެ. އެއާއެކު ޗެލްސީ ކުޅުންތެރިން ވަނީ ވަރަށް ރަނގަޅަށް ހޯމް އެޑްވާންޓޭޖް ނަގާފައެވެ. މި މޮޅާއެކު ސަޕޯޓަރުންނަށް ވެސް ލިބުނީ ބޮޑު އުފަލެކެވެ.

ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ޓިމޯ ވާނާ ލަނޑެއް ޖެހިއެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ލަނޑެއް ނޫންކަމުގައެވެ. ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފުގެ 47 ވަނަ މިނެޓުގައި އެންޓޯނިއޯ ރުޑިގާ ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ.

އޭގެފަހުން 66 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ ވަނީ ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ލެސްޓާއިން ސުން ކަނޑުވާލި ލަނޑު ޖެހީ 76 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ ކެލެޗީ އިހަނާޗޯ އެވެ.