މެންޗެސްޓާ ސިޓީ އަށް ކުޅެމުންދިޔަ އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއޭރޯ ބާސެލޯނާ އަށް ސޮއިކޮށް ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އަގުއެރޯ ބާސާއަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބާސާ އިން ވަނީ މިރޭ އެކަން ރަސްމީކޮށް އިއުލާނުކޮށް އަގުއޭރޯ އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދުނިޔެއަށް ތައާރަފުކޮށްދީފަ އެވެ.

އަގުއެރޯ ބާސާއަށް ސޮއިކުރި ކަމުގައިވިޔަސް މެންޗިސްޓާރ ސިޓީއާއި އެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ ޖޫން މަހުގެ ނިޔަލަށްށެވެ. އެހެންކަމުން އަގުއޭރޯ ރަސްމީކޮށް ބާސާގެ ކުޅުންތެރިއަކަށް ވާނީ ސިޓީއާއެކު އޭނާ ހަދާފައިވާ ކޮންޓުރެކްޓް ހަމަވުމުންނެވެ.

އަގުއޭރޯ ބާސާ އަށް ބަދަލުވެފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ބާސާއިން އަގުއޭރޯ އެކު ހަދާފައިވާ އެއްބަސްވުމުގައި 100 މިލިއަން ޔޫރޯ (122 މިލިއަން ޑޮލަރު)ގެ "ރިލީޒް ކްލޯސް" އެއް ހިމަނާފަައިވާނެ ކަމަށް ބާސާއިން ބުނެފައިވެއެވެ.

 

އަގުއެރޯ ވަނީ ސިޓީގައި ގިނަ ކާމިޔާބުތަކެއް ހޯދާފައެވެ. އެގޮތުން 2011 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑުން ސިޓީ އަށް ބަދަލުވުމަށްފަހު ވަނީ ސިޓީގައިވަނީ 10 އަހަރު ހޭދަކޮށްފައެވެ. 10 އަހަރުތެރޭގައި ވަނީ 390 ގޭމް ކުޅެ 290 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ވަނީ 15 މުބާރާތް ކާމިޔާބުކޮށްފަ އެވެ. ސިޓީގެ ޖޯޒީގައި އަގުއޭރޯ ކުޅުނު ފަހު މެޗަކަށްވީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެވެ.

އަގުއެރޯ ވަނީ ސިޓީގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ބާސާއަށް ސޮއިކުރުމަށްފަހު އަގުއާރޯ ބުނެފައިވަނީ ބާސެލޯނާ އަކީ ދުނިޔޭގެ އެއްވަނަ ކްލަބުކަން އެންމެން ވެސް ގަބޫލްކުރާނެ ކަމަށާއި އަދި ބާސާއާއި ގުޅުމަކީ ކެރިއަރަށް ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.