ޖަޕާނުގެ ޓޯކިޔޯގައި އަންނަަ ޖުލައި މަހު ބާއްވަން ތައްޔާރުވާ އޮލިމްޕިކްސްގައި މިފަހަރު ވާދަކުރާ ރެފިއުޖީންގެ ޓީމުގައި 29 އެތްލީޓުން ހިމެނޭކަމަށް އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ (އޯއައިސީ) އިން ބުނެފިއެވެ.

މިއީ އައިއޯސީން ހާއްސަ ސްކޮލާޝިޕުގެ ދަށުން ފުރުސަތު ލިބުނު 13 ގައުމެއްގެ 55 އެތްލީޓުންގެ ތެރެއިން ހޮވި ބައެކެވެ. މި އެތްލީޓުން ވާދަކުރާ ކުޅިވަރުތަކަކީ އެތްލެޓިކްސް، ބެޑްމިންޓަން، ބޮކްސިން، ކެނޯއިން، ސައިކްލިން، ޖޫޑޯ، ކަރާޓީ، ޓައެކްވޮންޑޯ، ޝޫޓިން، ސްވިމިން، ވެއިޓް ލިފްޓިން، އަދި ރެސްލިން އެވެ.

ރެފިއުޖީންނަށް ހުޅުވާލައިގެން އެންމެ ފުރަތަމަ އޮލިމްޕިކްސް ބޭއްވީ 2016 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފަހަރުގައެވެ. އެފަހަރު ވާދަކުރީ 10 ރެފިއުޖީ އެތްލީޓުންނާއެކު އެވެ. އެފަހަރު ވާދަކުރި އެތްލީޓުންގެ ތެރެއިން މިއަހަރު ޖަޕާނުގައި ބާއްވާ އޮލިމްޕިކްސް ގައި ވާދަކުރަނީ އެންމެ ހަ އެތްލީޓުންނެވެ.

އެއީ ފެތުންތެރިޔާ ޔުސްރާ މާދިނީ، ޖުޑޮކާ ޕޮޕޯލޭ، އެތްލެޓިކްސްގެ އެންޖެލީނާ ނަޑާއި، ޖޭމްސް ޔަންގް، ޕައޮލޯ އަމޯޓަން، އަދި ރޯސް ނާޓިކޭ އެވެ.

"މިއީ މުޅި ދުނިޔެ އެއްބަައިވެގެން ކަންކަން ކުރެވޭނެކަން ހާމަކުރުމަށް ކުރާ ކަމެއް، ރެފިއުޖީ އެތްލީޓުންނެކޭ، ގައުމަކުން ވާދަކުރާ އެތްލީޓުންނެކޭ އެއްވެސް ތަފާތެއް ނުކުރާނެ، ތި ހުރިހާ ރެފިއުޖީ އެތްލީޓުންނަކީ ވެސް މި އޮލިމްޕިކްސް ގެ މުހިއްމު ބައެއް، މިއީ މުޅި ދުނިޔެއަށް ވެސް އަހަރެމެން ދޭން ބޭނުންވާ މެސެޖެއް" އައިއޯސީގެ ރައީސް ތޯމަސް ބަޗް ވިދާޅުވިއެވެ.

ރެފިއުޖީ އެތްލީޓުން އެންމެ ފުރަތަމަ އެއްތަން ވާނީ ޖުލައި 12 އަދި 13 ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާއިންނެވެ. އެއަށްފަހު ހުރިހާ އެތްލީޓުން އެއްކޮށް ފުރާނީ ޖަޕާނަށެވެ. ރެފިއުޖީންގެ ޓީމުގެ ޗެފް ޑި މިޝަން އަކަށް ހަމަޖައްސާފައިވަނީ ބްރެޒިލް އޮލިމްޕިކްސް ގައި ވެސް އެ މަގާމު އަދާކުރި ކެންޔާގެ މެރަތަން ރެކޯޑް ހޯލްޑަރ ޓެގްލާ ލަޕޯރޭ އެވެ.