އާސެނަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އެ ކްލަބު ދޫކޮށްލަން ޖެކް ވިލްޝެއާ ނިންމައިފިއެވެ.

އިނގިރޭސިވިލާތަށް އުފަން އުމުރުން 26 އަހަރުގެ ވިލްޝެއާ އާސެނަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ 30 ވަނަ ދުވަހު ހަމަވާނެއެވެ.

އާސެނަލް ދޫކޮށްލަން ނިންމިކަން ހާމަކުރަމުން ވިލްޝެއާ ބުނީ ކުޑަ މުސާރައެއް ލިބޭ އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން އޭނާ ނިންމި ކަމަށާއި ނަމަވެސް އެ ކަންތައްތައް ބަދަލުވެގެންދިޔައީ އާސެނަލްގެ އާ ކޯޗު އުނާއި އެމެރީއާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު ކަމަށެވެ.

"އާ ކޯޗާއެކު ކުރެވުނު މަޝްވަރާތަކުން އަހަންނަށް އެނގުނު އެއްޗަކީ އާސެނަލްގައި މަޑުކުރި ނަމަވެސް ކުޅުމަށް ލިބޭ ފުރުސަތުތަށް އަހަންނަށް މަދުވާނެކަން. އެންމެންނަށް ވެސް އިނގޭނެ އަހަރެންގެ ކެރިއަރުގެ މި ވަގުތު ގަވާއިދުން ކުޅުމުގެ ފުރުސަތު އަހަންނަށް ލިބެން ވާނެކަން. ކޯޗާއެކު ކުރެވުނު މަޝްވަރާތަކުން އެކަން އާސެނަލްގައި ހުރެ ކުރުމަކީ އުނދަގޫ ކަމެއްކަން އެނގުނު" ވިލްޝެއާ ބުންޏެވެ.

އަނިޔާގެ ގިނަ މައްސަލަތަކަކާއި ފާއިތުވި ސީޒަންތަކުގައި ވިލްޝެއާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް މިދިޔަ ސީޒަނުގައި އޭނާ ވަނީ އާސެނަލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ހޯދައި އަނިޔާގެ މާބޮޑު މައްސަލައެއް ކުރިމަތިނުވެ ގިނަ މެޗުތަކެއްގައި ކުޅެފައެވެ.

ނަމަވެސް އޭނާ އަށް ވަނީ މިފަހަރުގެ ވޯލްޑް ކަޕަށް ނެގި އިންގްލޭންޑްގެ ސްކޮޑުން ޖާގަ ލިބޭގޮތް ނުވެފައެވެ.

ވިލްޝެއާ އާސެނަލް ދޫކޮށްލަން ނިންމިއިރު އެ ކްލަބުން އަންނަނީ އިޓަލީގެ ސަމްޕްޑޯރިޔާ އަށް ކުޅެމުން އަންނަ އުރުގުއޭގެ ޒުވާން މިޑްފީލްޑަރު ލޫކަސް ޓޮރެއިރާ ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ވިލްޝެއާ އާސެނަލް އަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ 2008 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ވަނީ އާސެނަލް އަށް 197 މެޗު ކުޅެދީ ހަތަރު ތަށްޓެއް އެ ކްލަބާއެކު ކާމިޔާބުކޮށްފައެވެ.