ކުއްލިގޮތަކަށް ދަނޑުމައްޗަށް ވެއްޓިގެން ފަރުވާދިން ޑެންމާކްގެ ތަރި ކްރިސްޓިއަން އެރިކްސަންގެ ހިތް ހުއްޓިފައި އޮއްވާ ސަލާމަތްކުރެވުނީ ކިރިޔާ ކަމަށް އޭނާ ބެލި ޑޮކްޓަރުންގެ ޓީމުން ބުނެފިއެވެ.

އެރިކްސަންގެ ޑޮކްޓަރުންގެ ޓީމުގެ ފަރާތުން ޑޮކްޓަރ މޯޓަން ބޯސަން ބުނީ އެރިކްސަން އަށް އެންމެ ފުރަތަމަ ފަރުވާދޭން ފެށިއިރު އޭނާގެ ހިތް އެއްގޮތަކަށް ވެސް މަސައްކަތް ނުކުރާ ކަމަށެވެ.

ޑޮކްޓަރުން ބުނީ އެރިކްސަންގެ ފުރާނަ ސަލާމަތްވީ ދަނޑުމަތީގައި އޭނާއަށް ދިން އަވަސް ފަރުވާތަުގެ ސަބަބުން ކަމަށެވެ. އެންމެ ފުރަތަމަ ސިއްހީ އެހީތެރިން އެހީވާން ފެށިއިރު އެރިކްސަން ގެ އެއްވެސް ވަރަކަށް ވިންދެއް ނެތުމުން ވަގުތުން ކާޑިއެކް ރިސުޓިކޭޝަން ނުވަތަ މެއަށް ޕްރެޝަރ ކޮށްގެން ހިތް މަސައްކަތް ކުރެވޭތޯ ބެލިި ކަމަށެވެ.

އެރިކްސަން ގެ ފުރާނަ ސަލާމަތްވީ އެވަގުތު ޑިފިބްރިލޭޓަރ ނުވަތަ ހިތަށް ޝޮކުދޭ އާލާތުގެ ބޭނުންކުރުމުން ކަމަށެވެ. އެވަގުތު ޑިފިބްރިލޭޓަރ ނެތް ނަމަ އެރިކްސަންގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ ޔަގީންކަން ނެތުނީސްކަމަށް ޑޮކްޓަރުން މީގެ އިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.

ޑޮކްޓަރުންގެ ޓީމުން ބުނީ މިހާރު އެރިކްސަންގެ ހިތުގެ މައްސަލަތައް ދެނެގަތުމުގެ ޓެސްޓުތަކެއް ކުރަމުންދާ ކަމަށާއި އިތުރު މައުލޫމާތު ލިބުނު މިންވަރަކުން ހިއްސާކުރާނެ ކަމަށެވެ. އަދި އެރިކްސަންގެ ހާލު މިވަގުތު ސްޓޭބަލް ކަމަށާއި ނަމަވެސް އޭނާ ހޮސްޕިޓަލުން ދޫކޮށްލާނީ ބަލަންޖެހޭ ހުރިހާ ކަމެއް ގާތުން ބެލުމަށްފަހު ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން އެރިކްސަން ވަނީ ހޮސްޕިޓަލަށް ގޮސް އެ ޓީމުގެ ކުޅުންތެރިންނާއި ފޯނުން ވާހަކަދައްކާފައެވެ. އަދި މެޗު އަލުން ކުޅުމަށް ކުޅުންތެރިން ބޭނުންވީ އެރިކްސަން އެގޮތަށް އެދުމުން ކަމަށެވެ.

އެރިކްސަން ދަނޑުމައްޗަށް ވެއްޓުމާއެކު އެ ޓީމުގެ ކެޕްޓަންގެ ލީޑަޝިޕް ފާހަގަކޮށްލެވެއެވެ. އެގޮތުން އެ ވަގުތު އެރިކްސަަންގެ ދޫ ބޭރަށް ނެރެ ސީޕީއާރު ދިނުމުގެ މަސައްކަތް ވަގުތުން ފެށުމުން އެއީ ފުރާނަ ސަލާމަތްކުރަން އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ޑޮކްޓަރުން ފާހަގަކުރެއެވެ.