ކުރިޔަށް އޮތް ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑު ވާދަކުރާ ކޮންމެ މުބާރާތެއްވެސް ކާމިިޔާބުކުރެވޭ ފެންވަރު އެބަހުރި ކަމަށާއި އެކަމަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭކަމަށް އެ ކުލަބުގެ ޕޯޗުގަލް ތަރި ބްރޫނޯ ފެނާންޑޭޒް ބުނެފިއެވެ.

ޔުނައިޓެޑަށް އެންމެ ފަހުން ތައްޓެއް ލިބުނީ 2017 ވަނަ އަހަރުގައެވެ. އެއީ އެފަހަރުގެ ޔުއެފާ ޔުރޮޕާ ލީގެވެ. އޭގެފަހުން ނިމިދިޔަ ސީޒަނުގެ ޔުރޮޕާ ލީގުގެ ފައިނަލުގައި ޔުނައިޓެޑު ވާދަކުރިއެވެ. ނަމަވެސް ފައިނަލުން ބަލިވީއެވެ.

އާ ސީޒަނަށް ކުރާ އުއްމީދުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ބްރޫނޯ ފެނާންޑޭޒް ބުނީ ނިމިދިޔަ ސީޒަނުގައި ޔުނައިޓެޑު ކުރިމަތިލާން ޖެހުނީ ބަދު ނަސީބާ ކަމަށާއި އާ ސީޒަނުގައި އެކަން ތަކުރާރުނުކުރަން މަސައްކަތްކުރާނެ ކަމަށެވެ.

"މި ކުލަބާއި ގުޅުމަށްފަހު އަހަރެން އަބަދުވެސް ގަބޫލުކުރަން ތަށި ހޯދޭ ފެންވަރުގެ ކުޅުންތެރިން މި ޓީމުގައި (ޔުނައިޓެޑު) ގައި ތިބިކަން، އެއީ ދެބަސް ވެވޭނެ ކަމެއް ނޫން، އެ ގާބިލުކަން އަހަންނަށް ވަރަށް ކައިރިން ފެނިއްޖެ، ދަނޑުމަތީގައި ހަމައެކަނި ނަސީބު މި އެހީތެރި ނުވަނީ، އެކަން ބަދަލުކުރަން ހުރިހާ ކުޅުންތެރިންވެސް ގަދައަޅާ މަސައްކަތްކުރަން ޖެހޭ" ބްރޫނޯ ފެނާންޑޭޒް ބުންޏެވެ.

އާ ސީޒަނަށް ޔުނައިޓެޑް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ތަޖުރިބާކާރު ހުނަރުވެރި ކުޅުންތެރިންތަކެއް އެ ކުލަބަށް ވަނީ ގެނެެސްފައެވެ. އެގޮތުން ބޮރޫޝިއާ ޑޯޓްމަންޑް އިން 73 މިލިއަން ޕައުންޑްގެ ބޮޑު އަގެއްގައި ސަންޗޯ ޔުނައިޓެޑަށް ގެނައި އިރު ދާދިފަހުން އެ ކުލަބުން ވަނީ ރެއާލް މެޑްރިޑަށް ކުޅުނު ފްރާންސްގެ ޑިފެންޑަރ ރަފައެލް ވަރާން 34 މިލިއަން ޕައުންޑަށް ގެނެސްފައެވެ.

ކުރިޔަށްއޮތް ސީޒަނަށް ތައްޔާރުވުމުުގެ މަސައްކަތް ޔުނައިޓެޑުން ފެށިއިރު، ރަހުމަތްތެރިކަމުގެ ތިން މެޗެއް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. އެއީ ބްރެންޓްފޯޑް، ޕްރެސްޓަން އަދި އެވަޓަން އާ ދެކޮޅަށް ކުޅޭ މެޗެކެވެ.

ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ފުރަތަމަ މެޗެއް ކުޅޭނީ އަންނަ އޯގަސްޓް މަހުގެ 14 ގައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލީޑްސް ޔުނައިޓެޑާއެވެ.