މި ސީޒަނަށް ޓީމު ވަރުގަދަކުރަން ބޮޑެތި ހަރަދުތަކެއްކުރި މުއްސަނދި ޕީއެެސްޖީ ބަލިކޮށް ފްރެންޗް ސުޕަ ކަޕް ލިލް ކާމިޔާބުކޮށްފިއެވެ.

ލިލް އަކީ އެންމެފަހުން ނިމިގެންދިޔަ ފްރެންޗް ލީގުގެ ޗެމްޕިއަނެވެ. އާ ސީޒަނުގެ ފުރަތަމަ ތަށި ލިލް ހޯދީ އެންމެ ފަހުގެ ފްރެންޗް ކަޕުގެ ޗެމްޕިއަން ޕީއެސްޖީ 1-0 އިން ބަލިކޮށްގެންނެވެ.

އިސްރާއީލުގެ ސިޓީއެއް ކަމަށްވާ ތެލް އަވީވުގައި ކުޅުނު މި މެޗުން ލިބުނު މި ބައްޔާއި އެކު މިއީ ޕީއެސްޖީއަށް ބޮޑު ލަދެކެވެ. އާ ކޯޗު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުން ޕީއެސްޖީ ބަލިވިއިރު މި ވޭތުވެދިޔަ އަށް އަަހަރުގެތެރޭގައި މިއީ އެ ޓީމަށް ފްރެންޗް ކަޕް ކާމިޔާބުނުކުރެވުނު ފުރަތަމަ ފަހަރެވެ.

މި މެޗުން ބަލިވިއިރު ޕީއެސްޖީން އެ ޓީމުގެ ސްޓާ ކުޅުންތެރިން ބޭނުންކޮށްފައެއް ނުވެއެވެ. އެގޮތުން ނޭމާ އާއި އެމްބާޕޭގެ އިތުރުން އެ ޓީމާއި އަލަށް ގުޅުނު ސާޖިއޯ ރާމޯސްވެސް ބޭނުންކޮށްފައެއް ނުވެއެވެ. އަަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން މި މެޗުގައި ބޭނުންކުރީ ނެދަލޭންޑްސްގެ ޖިއޯޖީނިއޯ ވައިނަލްޑަމް އާއި މޮރޮކޯގެ އަޝްރަގް ހަކީމީ އެވެ.

ޕީއެސްޖީ ކޮޅަށް ލިލް މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންގޮސްފައި ވަނީ ފުރަތަމަ ހާފުގައެވެ. މި ލަނޑު ޔިލްމާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ޒެކާ އެވެ.

މިދިޔަ މަހު ލިލްގެ އާ ކޯޗުގެ މަގާމާއި ހަވާލުވި ގޯނޮވެކްގެ ކޯޗުކަމުގެ ދަށުން އެ ޓީމު ހޯދި ފުރަތަމަ ކާމިޔާބީއެވެ. އެންމެފަހުން މިދިޔަ ސީޒަނުގެ ލީގު ކާމިޔާބުކުރުމަށް ފަހު އެ ޓީމުގެ ކޯޗުކަމުން ގަލްޓިއޭ ވަނީ މަގާމުން ވަކިވެފައެވެ.