ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މިހާރު ސައުދީ އަރަބިއްޔާގައި ކޭމްޕުކުރަމުން އަންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުގައި އަލް ވަހްދާ އާއި ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

އަލް ވަހްދާ އަކީ ސައުދީ އަރަބިއްޔާގެ ދެވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތުގައި ހިމެނޭ ޓީމެކެވެ. އެ ޓީމާ ދެކޮަޅަށް މާޒިޔާއިން ވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ.

މާޒިޔާއިން ވަނީ މި މަހުގެ ދެވަނަ ދުވަހު އަލް އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމު އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެފައެވެ. އަލް އިއްތިހާދަކީ ސައުދީގެ ވަރުގަދަ ބާރެކެވެ. އަދި އެންމެ ކާމިިޔާބު ޓީމުތަކުގެ ތެރެއިން ގުނާލެވޭ ޓީމެކެވެ.

ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު މި މެޗާއެކު މިއީ އޭއެފްސީ ކަޕަށް ތައްޔާރުވާ މާޒިޔާ ޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އެއީ ރަނގަޅު އެކުވެރިކަމުގެ މެޗުތަކެއް ލިބުމުންނެވެ.

މާޒިޔާއިން ކުރިއަށް އޮތް ތަނުގައި ވެސް އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ. ފަހު މެޗުގައި މި މަހުގެ 12 ވަނަ ދުވަހު ބައްދަލުކުރާނީ ޖިއްދާ ކުލަބާއެވެ. މިއީވެސް ސައުދީގެ ދެ ވަނަ ފަންތީގެ ޓީމެކެވެ.

މި ޓްރެއިނިން ކޭމްޕަކީ އެފްއޭއެމުން ތަނަވަސްކޮށްދިން ފުރުސަތެކެވެ. ޓްރެއިނިން ކޭމްޕަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ގައެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ހިމެނެނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އާއި އެއް ގްރޫޕެއްގައެވެ. މި ގްރޫޕުގެ ހަތަރުވަނަ ޖާގަ ލިބޭ ޓީމެއް ޔަގީންވާނީ މާލޭގައި ކުޅޭ ޕްލޭއޮފް މެޗަށްފަހުއެވެ. މި މެޗުގައި ބައްދަލުކުރަނީ ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު ސިޓީ އެފްސީއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްސްޓޭޖުން ޖާގަ ލިބޭނެއެވެ.

ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭނީ އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހުއެވެ.