މިއަހަރު ބޭއްވުމަށް ނިންމާފައިވާ 13 ވަނަ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ރާއްޖެއިން ހުށައެޅި ބިޑު ކާމިޔާބުކޮށްފި އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓުބޯޅަ އެސޯސިއޭޝަން، ސާފްގެ މި ވަގުތު ކުރިއަށްދާ ބައްދަލުވުމުގައި ރާއްޖެއަށް ގިނަ ވޯޓު ލިބިގެން ކާމިޔާބު ވެފައިވާ ކަން "ވަގުތު" އަށް ވަނީ ކަށަވަރުވެފައެވެ.

މުބާރާތުގެ ދިފާއީ ޗެމްޕިއަނުން ކަމުގައިވާ ރާއްޖެއިން މުބާރާތް ބޭއްވުމުގެ ބިޑް ކާމިޔާބުކޮށްފައި ވަނީ ނޭޕާލްއާ ވާދަކޮށްގެންނެވެ. ރާއްޖޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފަށާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. ފައިނަލް މެޗު އޮތީ އެ މަހުގެ 13 ގައެވެ.

މިއީ ރާއްޖޭގައި އެކަނި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2008 ވަނަ އަހަރު ރާއްޖެއާއި ލަންކާ ގުޅިގެން މި މުބާރާތް ބާއްވާފައިވެއެވެ. ލަންކާގައި އޮތް ފައިނަލް މެޗު އިންޑިއާގެ މައްޗަށް ކުރި ހޯދައިގެން އެ ފަހަރު ތަށި އުފުލައިލީ ރާއްޖެއިންނެވެ.

ސާފްގެ 13 ވަނަ މުބާރާތް އެންމެ ފުރަތަމަ ބާއްވަން މަސައްކަތް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބަންގްލަދޭޝްގައެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އެ ގައުމުގައި އިތުރަށް ގޯސްވެގެން މުބާރާތް ފަސްކޮށް ފަހުން އެހެން ގައުމެއްގައި ބާއްވަން ނިންމީއެވެ.

އަށް ގައުމެއްގެ މެދުގައި އާންމުކޮށް ބާއްވަމުން އައި މި މުބާރާތުގައި މި ފަހަރު ވާދަކުރަނީ އެންމެ ފަސް ގައުމެވެ. އެއީ ރާއްޖެއާއި، އިންޑިއާއާއި، ނޭޕާލްއާއި، ސްރީލަންކާއާއި، ބަންގްލަދޭޝްއެވެ. އެެހެންވެ މި އަހަރުގެ މުބާރާތް އޮންނާނީ ލީގު އުސޫލުންނެވެ.

އަފުޣާނިސްތާން މި ފަހަރުގެ މުބާރާތުގައި ބައިވެރިނުވެވެނީ ސާފް އިން އެ ގައުމު ވަކިވުމުންނެވެ. ފީފާއިން ވަނީ ޕާކިސްތާނު ސަސްޕެންޑްކޮށްފައެވެ. އަދި ބޫޓާން އިން ބޭރަށް ދަތުރު ކުރުން މަނާ ކޮށްފައި އޮތުމުން އެ ގައުމަށް ވެސް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ.

މި ސަރަހައްދުގެ އެންމެ ބޮޑު މި މުބާރާތުގައި އެންމެ ކާމިޔާބު ގައުމަކީ އިންޑިއާއެވެ. އިންޑިއާއިން މި މުބާރާތް ހަތް ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. ދެން އެންމެ ކާމިޔާބު ގައުމެއްގެ ގޮތުގައި އޮތް ރާއްޖޭން ދެ ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލިއެވެ.

މީގެ އިތުރުން، އަފްޣާނިސްތާނާއި، ބަންގްލަދޭޝްއާއި، ސްރީލަންކާއިން އެއް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވެއެވެ.

އެންމެ ފަހުން 2018 ގައި ބޭއްވި މުބާރާތް ކާމިޔާބު ކުރީ ރާއްޖެއިންނެވެ. ބަންގްލަދޭޝްގައި އޮތް އެ މުބާރާތް ރާއްޖެއިން ކާމިޔާބު ކުރީ މުބާރާތުގެ ތާރީޚުގައި އެންމެ ކާމިޔާބު ގައުމު އިންޑިއާ ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޓޯ

    ޖެހުނީ އަނެއް ނޮހުރުއްޕާނާ..

    12
    3
  2. ސައްބެ

    ރައްޔިތުން މިއުޅެނީ އަތާއި އަނގަދިމާނުވެން މިއުޅެނީ މީދެންކޮންކަމެއްތައް މުޅިދުނިޔެ ބޮޑު ބަލި މަޑުކަމެއްގައި ވަނިކޮށް މިތަންހަލާކުކޮށްލަންވެގެންކުރަން އުޅޭކަމެއް

    4
    1