މެންޗެސްޓަރ ސިޓީ އިން ރޮނާލްޑޯއަަށް ޝައުގުވެރިކަން ނެތްކަން ހާމަވިއިރު އެ ކުލަބާއި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑުން ރޮނާލްޑޯ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސިޓީން ރޮނާލްޑޯއާއި އެއްބަސްވުމަކަށް ދާން މަސައްކަތްކުރި ނަމަވެސް އެކަން ނާކާބިޔާބުވީ އެއްބަސްވުން އެކުލަވާލި ހިސާބުންނެވެ. ނަމަވެސް ޖެހުނު މައްސަލަ އަދި ސާފެއްނުވެއެވެ. ސިޓީން ރޮނާލްޑޯ ގެންނަން ބިޑުކުރަން އުޅުނުއިރު އެ ކުލަބުން ބޭނުންވަނީ ހިލޭ އެއްބަސްވުމެއްގެ ދަށުން ރޮނާލްޑޯ ގެންނާށެވެ. ނަމަވެސް ރޮނާލްޑޯގެ އެއްބަސްވުމުގައި އަދި ބާކީ އަހަރެއް އެބައޮތެވެ.

އެއާއި އެކު ރޮނާލްޑޯގެ ކުރީގެ ކުލަބް މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ރޮނާލްޑޯ ގެނައުމުގެ މަސައްކަތް ފަށާފައެވެ. މިކަން ޔުނައިޓެޑުގެ ވެރިން ކަމަށްވާ ގްލޭޒާސް ފެމިލީން ވާހަކަތަކެއް ބައެއް ގާތް މީހުން ގާތު ދައްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޔުނައިޓެޑުން މި މަސައްކަތް ފެށީ ވާދަވެރި ސިޓީން ރޮނާލްޑޯއާއި އެއްބަސްވުމަކަށް އަންނަން އުޅުމުން ކަމަށް ބެލެވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒް ވަނީ ރޮނާލްޑޯގެ އެއްބަސްވުމާއި ގުޅޭގޮތުން ޔުނައިޓެޑުގެ އިސްވެރިންނާއި މަޝްވަރާތައް ފަށާފައެވެ. ރޮނާލްޑޯ ޔުނައިޓެޑާއި ވާހަކަދައްކަން ނިންމީ އެއީ އޭނާވެސް އެގޮތަށް ބޭނުންވުމުން ކަމަށްވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑާއެކު މަޝްވަރާކުރަނީ ޖޫން 2023 ގެ ނިޔަލަށް އެއްބަސްވުމެއް ހަދާށެވެ. މިހާރު ކުރިޔަށްދަނީ އަގާއި ގުޅޭގޮތުން މަޝްވަރާތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.