ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކުރީގެ ކުލަބް މެންޗެސްޓާ ޔުނައިޓެޑާއިއެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މިކަން ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ އެކުލަބުގެ ވެބްސައިޓުގައިވާ ގޮތުން ޔުނައިޓެޑަށް ރޮނާލްޑޯ ބަދަލުވުމާއި ގުޅޭގޮތުން ޔުވެންޓަސްއާއި އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

އެއްބަސްވެފައިވަނީ މެޑިކަލް، ވިސާ އަދި އެއްބަސްވުމަށެވެ. ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވީ އޭނާވެސް އެކަމަށް އެދި އޭޖެންޓް ޖޯޖް މެންޑޭސް އާއި މަޝްވަރާކުރުމަށްފަހު އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކުރީގެ ކުލަބަށް ބަދަލުވާން ނިންމިއިރު އަދި މިހާތަނަށް އޭނާ ބަދަލުވާން ނިންމި އަގެއް އެ ކުލަބުން ހާމައެއްނުކުރެއެވެ. ބެލެވޭގޮތުގައި ކުރިޔަށްއޮތް ދުވަސްތަކުގެ ތެރޭގައި ޔުނައިޓެޑުގެ އެއްބަސްވުމުގައި ސޮއިކުރަން ރޮނާލްޑޯ މެންޗެސްޓަރ އަށް ދާނެއެވެ.

ރޮނާލްޑޯ އޭނާގެ ކުރީގެ ކުލަބާއެކު އެއްބަސްވުމަކަށް އައިއިރު ވާދަވެރި މެންޗެސްޓަރ ސިޓީންވެސް ދިޔައީ ރޮނާލްޑޯ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެގްރީމެންޓާއި ހިސާބުން އެ ކުލަބަށް ބަދަލުވުމުގެ ކަންކަން ކުރިޔަށްނުދިޔަ އެވެ. ބެލެވޭގޮތުގައި އެއީ ޓްރާންސްފަރ ފީއެއް ދައްކަން ޖެހުމުގެ ސަބަބުންނެވެ. އެއީ ޔުވެންޓަސް އާއެކު ބާކީ އެއް އަހަރު އޮތުމުންނެވެ.

ކުރިޔަށް އޮތް ވަގުތުތަކުގެ ތެރޭގައި ރޮނާލްޑޯގެ މެޑިކަލް ޓެސްޓުތައް ހެދުމާއި ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.