އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އަތުން ހޯދި މޮޅާއެކު މެންޗެސްޓަރ ޔުނައިޓެޑުން ލީގުގައި ރެކޯޑެއް ހަދައިފިއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑް މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޔުނައިޓެޑު ވަނީ ރަށުންބޭރުގައި އެ ޓީމު ކުޅުނު މެޗުތަކުން ބަލިނުވެ 28 މެޗު ހަމަކޮށް ލީގުގެ ރެކޯޑެއް ހަދާފައެވެ. މީގެތެރެއިން ޔުނައިޓެޑް ވަނީ 18 މެޗުން މޮޅުވެ 10 މެޗުން އެއްވަރުކޮށްފައެވެ.

މިއީ އާސެނަލް އަތުގައި މީގެކުރިން އޮޮތް ރެކޯޑެެކެވެ. އާސެނަލް ވަނީ ރަށުންބޭރުގައި ބަލިނުވެ 27 މެޗު ފުރިހަމަކޮށްފައެވެ.

ލަނޑު ޖެހުމަށްފަހު ޔުނައިޓެޑު ކުޅުންތެރިން އުފާފާޅުކުރަނީ

މެޗު ފަށައިގެން ދެ ޓީމުންވެސް ދިޔައީ ވާދަވެރި އަދި ހަމަހަމަ ކުޅުމެއް ކުޅެމުންނެވެ. ހާއްސަކޮށް މެޗު ރަނގަޅަށް ފެށީ ވުލްވްސް އެވެ. އެ ޓީމުގެ ޓްރިންކާއޯ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޔުނައިޓެޑުގެ ކީޕަރު ޑެހެއާ ކަޓުވާލުމަށްފަހު ފޮނުވާލި ބޯޅަ ގޯލަށް ވަނުމުގެ ކުރިން ސާފުކޮށްލީ އާރޮން ވެން ބިސާކާ އެވެ.

ޔުނައިޓެޑު މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗު ނިމެން ދިހަ މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އުމުރުން 19 އަހަރުގެ މޭސަން ގްރީންވުޑް އެވެ. އޭނާ މި ލަނޑު ވަނީީ ވުލްވްސްގެ ކީޕަރު އަތުގައި ޖެހިފައެވެ. މި ސީޒަނުގައި ޔުނައިޓެޑް މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް އޭނާ ލަނޑު ޖަހާފައިވެއެވެ.

ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތީ ޓޮޓެންހަމް އެވެ. އެ ޓީމު އެއްވަނައިގައި އޮތީ ވޮޓްފޯޑް 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ އެގާރައިގައި ކޭން ހިމަނައިގެން ކުޅުނު މި މެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޮން ހެއުން މިން އެވެ.