ސްޕެނިޝް ލީގުގައި ގެޓާފޭ އަތުން އުނދަގޫ ގޮތަކަށް ބާސެލޯނާ މޮޅުވި މެޗުގައި ޑިޕާއި ވިދާލައިފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފަށައިގެން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ބާސާއިން ވަނީ ލަނޑުޖަހާފައެވެ.

ބާސާއިން ލަނޑުޖަހާފައިވަނީ މެޗުގެ ފުރަތަމަ މިނެޓު ނުނިމެނީސް އެވެ. ޖޯޑީ އަލްބާ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާޖީ ރޮބާޓޯއެވެ. ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ގެޓާފޭއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަންޑްރޯ ރަމިރޭޒް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ މި މެޗުގައި އަލުން ލީޑު ނަގާފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ފްރެންކީ ޑީ ޔޮން ދިން ޕާހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މި ފަހަރުގެ ޓްރާންްސްފާގައި އެ ޓީމާ އަލަށް ގުޅުނު ފޯވާޑް މެމްފިސް ޑިޕާއިއެވެ. ލީގުގައި ބާސާ މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައި އޭނާ ލަނޑު ޖަހާފައިވެއެވެ.

މި މެޗުގައި ބާސާގެ ޖަރުމަނު ކީޕަރު މާކް އަންދްރޭ ޓާ ސްޓެގަން ވަނީ ކުޅެން އަރާފައެވެ. އޭނާ ކުޅެން އަރާފައިވަނީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މި ސީޒަނުގެ ފުރަތަމަ ދެ ހަފުތާ ކުޅުމާއި ދުރުގައި ހުރުމަށްފަހު އެވެ. ކުޅެން އަރާ އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.