ރާއްޖޭގައި ފުޓުބޯޅައިގެ ހަރަކާތްތައް ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ ފުޓުބޯޅައިގެ މައި އިދާރާ އާއެކު ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސޮއިކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ވެެރިރަށް ރިޔާދް ގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައިސައުދީ ފުޓްބޯޅަ ފެޑެރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ފެޑެރޭޝަނުގެ ރައީސް ޔާސިރް އަލް މިސެހާލެވެ. އެފްއޭއެމުގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މީގެއިތުރުން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އާއި ސައުދީ ފުޓްބޯޅައިގެ ޖެނެރަލް ސެކްރެޓަރީ އިބްރާހިމް އަލް ކަސީމް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ބައްސާމް ވިދާޅުވީ މިއީ ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް މުހިންމު ދުވަހެއް ކަމަށާއި، ސައުދީ ފުޓްބޯޅަ ފެޑެރޭޝަނާއެކު ސޮއިކުރެވުނު އެއްބަސްވުމާއެކު ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

މި އެއްބަސްވުމާއި ބެހޭގޮތުން ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދެ ފެޑެރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް މި ރަސްމިއްޔާތުގައި ވަނީ މަޝްވަރާކޮށްފައިވާ ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގިނަ އެހީތަކެއް ދިނުމަށް ސައުދީން ނިންމާފައިވާ ކަމަށެވެ.

ސައުދީއާއެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކުރިއިރު ރާއްޖޭގެ ޓީމުތަކުން ވަނީ ސައުދީގައި މީގެކުރިން މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން ކޭމްޕުކޮށްފައެވެ. އޭއެފްސީ ކަޕުގައި ރާއްޖެ ތަމްސީލްކުރި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކުލަބުން ވަނީ ސައުދީގައި ތަންރީނު ކޭމްޕް ފުރިހަމަކޮށްފައެވެ. އަދި ޒުވާން ގައުމީ ޓީމުވެސް މީގެ ކުރިން ވަނީ ސައުދީގައި ތަމްރީނުތައް ހަދާފައެވެ.

ކުރިޔަށްއޮތް ތަނުގައި އިތުރު ތަމްރީނުގެ ފުރުސަތުތައް މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބިގެންދާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.