ވޯލްޑް ކަޕު ދެވަނަ ބުރުން އާޖެންޓީނާ ކަޓައިގެން ދިޔުމުން ގިނަ ބަޔަކު ބޭނުން ވަނީ މެސީގެ ކުރިމަގާއި ބެހޭގޮތުން އޭނާ ނިންމާ ގޮތެއް ބަލަންށެވެ. ނަމަވެސް މެޗަށް ފަހު މެސީ ވާހަކަ ދައްކާފައެއް ނުވެއެވެ.

2016 ވަނަ އަހަރު ކޮޕަ އެމެރިކާ ފައިނަލުގައި ޕެނަލްޓީ ޖަހައި އާޖެންޓިނާ ބަލި ވުމަށް ފަހު މެސީ ވަނީ ރިޓަޔާ ވެފައެވެ. ނަމަވެސް އޭނާގެ ސަޕޯޓަރުން މެސީ އެނބުރި ގެންނަން ޕެޓިޝަނެއް ފެށުމުން އެތައް ބަޔަކު ވަނީ އެޕެޓިޝަން ގައި ބައިވެރި ވެފައެވެ. ހަމަ އެހެންމެ މެސީ ވެސް ވަނީ ރިޓަޔަމެންޓު ނަގައި އެނބުރި ގައުމީ ޓީމާއި ގުޅިފައެވެ.

ކަން މިހެން ވެގެން ދިޔަ ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕު ވާން އޮތީ މެސީގެ ވޯލްޑް ކަޕަށެވެ. ނަމަވެސް ފްރާންސް ކޮޅަށް ލަނޑު ޖަހާނެ ފުރުސަތު ދެފަހަރު ތަނަވަސް ކޮށްދީގެންވެސް މެސީ އަށް ވޯލްޑް ކަޕުގައި ކުރިޔަށް ދެވޭގޮތް ވަނީ ނުވެފައެވެ. ދެން އޮތް ވޯލްޑް ކަޕު، 2022 ގައި ގަތަރުގައި ބާއްވާއިރު މެސީގެ އުމުރުން 35 ވާނެއެވެ.

މެސީގެ ފަރާތުން ބަހެއް ނުލިބުނު ނަމަވެސް މެޗަށް ފަހު ބައެއް ކުޅުންތެރިން ވާހަކަ ދައްކާފައިވެއެވެ. އަގުއޭރޯ، މަޝެރާނޯ، ގެބްރިއަލް މާސެޑޯ، ލޫކަސް ބިގްލިއާ އަދި ޓީމުގެ ކޯޗު ސަމްޕައޯލީ ވަނީ ނޫސްވެރިންނާއި ބައްދަލު ކޮށްފައެވެ. ލޮލުން ކަރުނަ ފައިބަމުން ދިޔަ ނަމަވެސް މަޝެރާނޯ އަދި ލޫކަސް ބިގްލިއާ ބުނެފައި ވަނީ ދެކުޅުންތެރިން ގައުމީ ޓީމުން ދެން ފެނިގެން ނުދާނެ ކަމަށެވެ.

އަގުއޭރޯ ބުނެފައި ވަނީ އޭނާ އަދިވެސް އާޖެންޓީނާ ރަމްޒު ކޮށް ގައުމަށްޓަކާ ކުޅެން ތައްޔާރު ކަމަށެވެ. ކޯޗުގެ ދަށުން ދެން އަންނަ މުބާރާތެއްގައި ވެސް ވާދަކުރަން އޭނާ ހުރީ ކެތް މަދުވެފައި ކަމަށް ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުންޏެވެ.