ބާސެލޯނާ މިވަގުތު އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި ކުލަބުގެ ހާލަތު މިހާ ދަށަށް ވެއްޓުނީ ލިއޮނަލް މެސީ އެ ކުލަބު ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ފަހުން ކަމަށް ބާސެލޯނާގެ ކޯޗު ރޮނަލްޑް ކޫމަން ބުނެފިއެވެ.

ކޫމަން ބުނީ ކުލަބުގެ ހާލަތު މިހާރު ދަނީ ދުވަހެއް ދުވަހަކަށް ދަށަށް ކަމަށެވެ. އަދި މި ހާލަތުން ކުލަބު އަރައިގަތުމަށް ގިނަ ކަންތައްތަަކެއް ކުރަންޖެހޭ ކަމަށްވެސް ކޯޗު ބުންޏެވެ.

"މި ކުލަބަކީ ދުނިޔޭގެ ވަރުގަދަ ބާރެއް، އެގޮތުގައި ކުލަބު ހިފެހެއްޓެން ޖެހޭ، އެކަމަކު މިހާރު އެއްވެސް ކަމެއް ކުލަބަކު ނެތް، ކުލަބުގެ އިސްވެރިންނާ ހަމައިން އެބަޖެހޭ ހަރުދަނާ އުސޫލުތަކަކާއެކު ކުލަބު ހަމަމަގަށް އަޅުވަން" ކޫމަން ބުންޏެވެ.

ކޫމަން ބުނީ މެސީ ދިޔަފަހުން ކުޅުންތެރިން ތިބީ ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށާއި މެސީއަކީ ކުލަބުގެ ހުރިހާ ކުޅުންތެރިންވެސް ނަމޫނާއަކަށް ބަލަމުން އައި ކުޅުންތެރިއެއް ކަމަށެވެ. އަދި މެސީ ދިޔަ ފަހުން ކުލަބުގެ އެއްވެސް ދިރުމެއް ނެތް ކަމަށާއި މިއީ ކޯޗެއްގެ ހައިސިއްޔަތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށްވެސް ކޯޗު ބުންޏެވެ.

ބާސެލޯނާގެ ހާލަތު ގޯހުން ގޯހަށް ދިޔަކަން ޔަގީންވީ ޔުއެފާ ޗެމްޕިއަންސް ލީގުގައި 3-0 އިން ބަޔާން މިއުނިކް އަތުން ބަލިވުމުންނެވެ. މި މެޗުގައި އިދިކޮޅު ގޯލާއި އަމާޒުކޮށް ބާސެލޯނާއަށް އެއްވެސް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މިއީ ކުލަބުގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ކަމެކެވެ. މިހާތަނަށް އެ ކުލަބުގެ ތާރީހުގައި މިހާ ދަށްކޮށް މެޗެއް ނިންމާފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބާސެލޯނާއިން މަސައްކަތްކުރަނީ ކޫމަން ބޭރުކޮށްލުމަށެވެ. އެއީ އޭނާގެ ޝަކުވާ ބޮޑުވުމުން އަދި ކުޅުންތެރިންވެސް އެގޮތަށް ޑިމާންޑުކުރުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާސާގެ އެކްސް ފަންކާ

    ބަލަގަ، ކޫމަން ނުބުންޏަސް މަށަށް ވެސް އެނގޭ ތިވަރު

  2. ައަހުމަދު

    ވާގޮތަކީ ކޫމަން އަށް ބާސެލޯނާ އަކީ މެނޭޖް ކުރެވޭވަރަށްވުރެ މާބޮޑު ކުލަބެއް އެނޫންނަމަ މެސީނެތްތަން ދެއްކިޔަސް ބާސެލޯނާ ޓީމް ތިއަށްވުރެ މާ ރަނަގަޅަށް ކުޅޭނެ، ކޫމަން ގަޔަކުނެތް ތިހާ ބޮޑުކުލަބެއް މެނޭޖްކުރެވޭހާ ޤާބިލްކަމެއް.