ޕެނަލްޓީން ބަލިވެ އިނގިރޭސި ލީގު ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެެސްޓަރ ސިޓީ ކެޓިއިރު ފޯމުގައި އޮތް ލިވަޕޫލުން ފަސޭހަކަމާއި އެކު ކުއާޓާފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

މެންޗެސްޓަރ ސިޓީއަކީ މި މުބާރާތުގެ އެންމެ ފަހުގެ ހަތަރު އަހަރުގެ ޗެމްޕިއަނުންނެވެ. ނަމަވެސް އެ ނަސީބު މިފަހަރު ސިޓީއަށް ލައްވާނުލާ މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފައިވަނީ ލީގު ކަޕުގެ ހަތަރުވަނަ ބުރުންނެވެ.

ސިޓީ ކެޓީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ޕެނަލްޓީގައި 5-3 ގެ ނަތީޖާއަކުން ބަލިވެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ނަތީޖާ އެއްވަރުވުމުގެ ސަބަބުން ދެން ޖެހީ ޕެނަލްޓީއެވެ. ޕެނަލްޓީގައި ވެސްޓް ހޭމްގެ ފަސް ޕެނަލްޓީވެސް ކާމިޔާބުކުރި އެވެ.

ވެސްޓް ހޭމްސްގެ ޕެނަލްޓީތައް ކާމިޔާބުކުރި ކުޅުންތެރިންނަކީ ކެޕްޓަން މާކް ނޯބަލް އާއި، ޖެރޮޑް ބޮވެން އާއި، ކްރެއިގް ޑޯސަން އާއި، އާރޮން ކްރެސްވަލް ގެ އިތުރުން ސައީދު ބެންރަހްމާއެވެ.

ސިޓީން މި މެޗުގެ ޕެނަލްޓީގައި މައްސަލަ ކުރިމަތިވީ ފުރަތަމަ ޖެހި ޕެނަލްޓީގައެވެ. ފިލް ފޯޑެން ފޮނުވާލި އެ ޕެނަލްޓީ ގޯލާއި އަމާޒުނުވެ ދިޔައިރު ތިން ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިިޔާބުކުރި ކުޅުންތެރިންނަކީ ޖެކް ގްރީލިޝް އާއި ޔާއޮ ކަންސެލޯ އަދި ގެބްރިއަލް ޖީސަސް ކާމިޔާބުކުރި ޕެނަލްޓީއެވެ.

މެޗުން މޮޅުވުމުން ވެސްޓްހޭމް ކުޅުންތެރިން އުފާފާޅުކުރާއިރު ސިޓީގެ ކުޅުންތެރިން ފަހަތުގައި

މުބާރާތުގެ ކުއާޓާފައިނަލުގެ ޖާގަ މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ލިވަޕޫލުން ހޯދާފައިވަނީ ޕްރެސްޓަން ނޯތު އެންޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ޕްރެސްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ލަނޑެއް ފެނިގެނެއް ނުދެއެވެ. ލިވަޕޫލްގެ ދެ ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓަކޫމީ މިނަމީނޯއެވެ. އަދި އެ ޓީމުގެ ފަހު ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ގާތްވެފައިވަނިކޮށެވެ. މިއީ ޑިވޮކް އޮރީގީ ކާމިިޔާބުކުރި ލަނޑެކެވެ.

މުބާރާތުގެ ކުއާޓާފައިނަލުގެ ޖާގައެއް ޓޮޓެންހަމް ވެސް ވަނީ ހޯދާފައެވެ. އެ ޓީމު ކުއާޓާއިން ޖާގަ ހޯދާފައިވަނީ ބާންލީ 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ކުއާޓާފައިނަލުގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ތެރޭގައެވެ.