މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފުޓުބޯޅަ މުބާރާތުގައި ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރާ މެޗުގެ ކުރިން ރާއްޖެ ބޭއްވި ފަހު ފަރިތަކުރުންތައް އަނދިރީގައި ކުރިޔަށްގެންދަން ޖެހިއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތުދެމުން އެފްއޭއެމްގެ އިސް އޮފިޝަލަކު ބުނީ ލަންކާގެ ބެގަދާނަ ދަނޑުގައި ގައުމީ ޓީމުން ފަރިތަކުރުންތައް ކުރިޔަށްގެންދަން ނިންމާފައި އޮތީ ރޭގަނޑު 8-9 އަށް ކަމަށެވެ.

ނަމަވެސް ޓީމު ދަނޑަށް އައި އިރުވެސް ދަނޑުގެ ލައިޓުތައް ރަނގަޅަށް މަސައްކަތްނުކުރާ ކަމަށާއި ދަނޑަށް އައުމުގެ ކުރިން ޓީމަށް އެކަން އެއްވެސް ބަޔަކު ނާނގާ ކަމަށް އޮފިޝަލް ބުންޏެވެ. މިއީ ލަންކާއާއި ދެކޮޅަށް ރާއްޖެ ކުޅޭ ފުރަތަމަ މެޗުގެ ކުރިން ޓީމުން ބޭއްވި ފަހު ފަރިތަކުރުންތަކެވެ. ނަމަވެސް އެންމެ ރަނގަޅަށް ޓީމުގެ ފަރިތަކުރުންތައް ރޭ ކުރިޔަށްނުދިޔަ އެވެ.

"އެއް ލައިޓު މަސައްކަތްކުރާތީ ނިންމިން ފަރިތަކުރުންތައް ކުރިޔަށްގެންދަން، ފަހުން އެ ލައިޓުވެސް ނިވުނީ، އެހެންވީމަ ކުރާނެ އިތުރު ކަމެއްނެތް އެތަނުގަ، ޖެހުނީ އަނބުރާ ހޮޓަލަށް އަންނަން" އޮފިޝަލް ބުންޏެވެ.

ލަންކާއާއި ރާއްޖެ ކުޅޭ މެޗުގައި ދިވެހިންނަށް ވިއްކަން ނިންމި ޓިކެޓުގެ އަގު 3000 ރުޕީސް (15 ޑޮލަރު) އަށް ވަނީ ކުޑަކޮށްފައެވެ. މީގެކުރިން ދިވެހިންގެ އަތުން ޓިކެޓު ގަންނަން ލަންކާއިން ނިންމާފައިވަނީ މީހަކަށް 5000 ރުޕީސް (25 ޑޮލަރު) އަށެވެ. މި އަދަދު ކުޑަކުރީ ގިނަބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވުމުން ލަންކާގެ ފެޑެރޭޝަނާއި ރާއްޖޭގެ ސަރުކާރާއި ކުރިޔަށްގެންދިޔަ މަޝްވަރާތަކަށްފަހު އެވެ.

މުބާރާތުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗު މިރޭ ކުޅޭއިރު މި މެޗުގެ ޓިކެޓުތައް ވިއްކުމަށް ހަމަޖެހިފައިވަނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ. ނަމަވެސް ދިވެހިންނަށް ހާއްސަކޮށް ވިއްކާނީ ކިހާ އަދަދެއްގެ ޓިކެޓެއް ކަމެއް ހާމައެއްނުކުރެއެވެ. ޓިކެޓުގެ އަދަދާއި ގުޅޭގޮތުން ލަންކާ ފެޑެރޭޝަނުން ބުނީ ވިއްކާނީ "ލިމިޓެޑް ޓިކެޓް" ތަކެއް ކަމަށެވެ.

ލަންކާއާއި ރާއްޖެ މެޗު ޓިކެޓު ލަންކާ އެމްބަސީން ވިއްކާއިރު އިއްޔެ މެންދުރުފަހުން ފެށިގެން ޓިކެޓު ވިއްކަން ވަނީ ފަށާފައެވެ. މިއަދުވެސް ހެނދުނު 11 އިން މެންދުރު ފަހު ދޭއް ޖަހަންދެން ޓިކެޓު ވިއްކާނެކަމަށް މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑައިވަރޭ

    ގަސްތުގަ ނިވާލީކަމަށް ތިވާނީ... ލައްކާގަ ތިަކަން ހައްލު ނުކުރެވޭވަރުގެ ޓެކްނީޝިޔަނުން ނުތިބޭނެ

    8
    1
  2. އެހެންދީ

    ބަލިވެދާނެތީ އުޒުރެއް ހަދާލަނީ….

  3. Anonymous

    އެހެންވީމަ ގައުމައް އެނބުރި އަންނައިރު އަނދިރީގަ ކަންކަން ކުރަން ތަމުރީން ވެފަތާ ހުންނާނީ ދޯ.

  4. ޒިމް

    މިއަދު މެޗުން ބަލިވެއްޖިއްޔާ ދައްކަން ރަގަޅު އުޒުރެއް ތިއޮތީ ލިބިފައި.. ކުޑަ މޫސަމެން ރީތިނަން ޤައުމަށް ހޯދާދިނީ ފުޅިބައްތި އަލީގައި ކުޅެގެން.. އަރާނީވެސް 20 ރުފިޔާއަށްލިބޭ ގޯލްޑްކަޕް ބޫޓަށް.. ތިކަހަލަ ކޫސަނި މައްސަލައެއް ނުޖައްސާ..

  5. ޙޫން

    ދެންމިހިސާބުން ބަލިވެއްޖިއްޔާ ބުނަންޖެހޭނެ އަނދިރީގަ ޕްރެކްޓިސް ކުރީމައޭ އެހެންއެވީ

  6. ޅަބޭ

    ދެން ދިވެހި ޓީމައް އިގޭނެ ކަނުބަނދެގެންވެސް ބޯޅަކުޅެން. ކިހާ މޮޅު.