މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފުޓުބޯޅަ މުބާރާތުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗު ބެލުމަށް ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ދަނޑު ސަރަހައްދަށް ޖަމާވެއްޖެ އެވެ.

މިއީ ކޮވިޑުގެ ހާލަތަށްފަހު ގައުމުން ބޭރުގައި ބާއްވާ ބޮޑު މެޗެއްގައި މިހާތަނަށް ވަންނާނެ އެންމެ ގިނަ ސަޕޯޓަރުންނެވެ. އެ ސަރަހައްދުގައި ހުރި ވަގުތުގެ ފޮޓޯގްރާފަރު ބުނީ ދަނޑު ސަރަހައްދުގައި މިވަގުތު ގިނަ ދިވެހިންތަކެއް ދަނޑަށް ވަންނަން ތައްޔާރަށް ތިބި ކަމަށެވެ.

ދަނޑަށް ވަންނަ ގިނަ ސަޕޯޓަރުން ތިބީ ގައުމީ ވަންތަ ކުލަތަކާއި އެކު ސަޕޯޓުކުރުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފަައެވެ. މީގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ގިނަ އަދަދަކަށް ތިބިކަން ފާހަގަކޮށްލެވެއެވެެ.

މެޗު ކުޅޭ ދަނޑު ސަރަހައްދަށް އެއްވެ ތިބި ބައެއް ދިވެހި ސަޕޯޓަރުން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މި މެޗުގައި ދިވެހިންނަށް ޓިކެޓު ވިއްކާފައިވަނީ މީހަކަށް 3000 ރުޕީސް (15 ޑޮލަރު) އަށެވެ. ކުރިން ދިވެހިންނަށް ޓިކެޓު ވިއްކަން ހަމަޖެއްސީ މީހަކަށް 5000 ރުޕީސް (25 ޑޮލަރު) އަށެވެ. މެޗުގެ ޓިކެޓުތަކުގެ އަގު ކުޑަކުރީ ގިނަ ދިވެހިންގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ. މި އަގު ކުޑަކުރީ ރާއްޖޭގެ ރައީސްގެ އެދިލެއްވުމުގެ މަތިން ލަންކާ ފެޑެރޭޝަނާއި ކުރި މަޝްވަރާތަކަށް ފަހު ކަމަށް ކުޅިވަރާބެހޭ ވަޒީރު ވިދާޅުވިއެވެ.

ަމުބާރާތުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗުގެ ޓިކެޓުތައް ވިއްކާފައިވަނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ. ލަންކާގައި ދިރިއުޅޭ ރައްޔިތުން ވަނީ ގައުމީ ޓީމަށް ތަރުހީބުދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް އިންތިޒާމުކޮށްފައެވެ. އަދި ދަނޑު ބޭރުންވެސް މެޗު ބެލޭނެ އެކި އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.