ބާސެލޯނާގެ އާ ކޯޗުކަމާއި ޒަވީ ހެނާންޑޭޒް ހަވާލުވިފަހުން އެ ކުލަބުން ކުޅުުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި މޮޅެއް ހޯދައިފިއެވެ.

ވާދަވެރި ކުޅުމަކަށް ފަހު އެސްޕަންޔޯލް އާއި ވާދަކޮށް މި މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާސެލޯނާގެ ރޫހު ފެނުނީ އެހެން މެޗުތަކަށްވުރެ ވަރުގަދަކޮށެވެ.

މި މޮޅާއެކު ބާސެލޯނާ ވަނީ ތާވަލުގެ ހަވަނަ މަގާމަށް ޖެހިލާފަައެވެ. އެއީ ކުޅުނު 13 މެޗުން ލިބުނު 20 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި ސެވިއްޔާ އަދި ދެވަނައިގައި އޮތް ސޮސެއިޑާޑް އަށް ލިބިފައިވަނީ 13 މެޗުން 28 ޕޮއިންޓެވެ. ތާވަލުގެ އެއްވަނައާއި ދެމެދު ބާސެލޯނާއަށް އަދި ބާކީ 8 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

އަމިއްލަ ދަނޑުގައި ބާސެލޯނާއިން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އެސްޕަންޔޯލް ވެސް ވަކި ދުލެއް ނުދެއެވެ. ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެ ޓީމުން ތަނަވަސްކުރި އެވެ. ބާސެލޯނާގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ފޮނުވާލި ހަމަލާއެއް ވެސް އެސްޕަންޔޯލް ކީޕަރު ދިފާއުކުރި އެވެ.

މެޗުގައި ބާސެލޯނާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ ތިންވަނަ މިނެޓުގެ ތެރޭގައެވެ. މިއީ ލިބުނު ޕެނަލްޓީއެއްގައި އެ ޓީމުގެ މެމްފިސް ޑިޕާއި ކާމިޔާބުކުރި ލަނޑެކެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން އެސްޕަނިޔޯލް ގެ ކަބްރޭރާ ޑިޕާއިއަށް ފައުލުކުރުމުން ދިން ޕެނަލްޓީއެކެވެ.