އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަން އަތުން އެންމެ ފަހުވަގުތު ބަލިވީ އާސެނަލްގެ ޓީމުގެ އެތެރޭގައި ވިސްނުމުގެ މައްސަލަތަކެއް ހުރުމުގެ ސަބަބުން ކަމަށް އެ ޓީމުގެ ނޯވޭ ތަރި މާޓިން އޮޑެގާޑް ބުނެފިއެވެ.

އެވަޓަންގެ ދަނޑުގައި އާސެނަލް ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެގެން ފަސް ވަނަ އަށް އެރެން އޮތް އާސެނަލް ބަލިވުމުން އޮތީ ހަތް ވަނައިގަ އެވެ. އެއީ 15 މެޗުން 23 ޕޮއިންޓާ އެކު އެވެ. އެވަޓަން އިން ތިން ޕޮއިންޓް ހޯދައި ވަނީ 12 ވަނަ އަށް ޖެހިލައިފަ އެ

އެއާއި އެކު ލީގުގައި އާސެނަލް ވަނީ ޖެހިޖެހިގެން ދެ މެޗުން ވެސް ބަލިވެފައެވެ. މެޗަށްފަހު އާސެނަލްގެ އޮޑެގާޑް ނޫސްވެރިންނާއި ވާހަކަދައްކަމުން ފާހަގަކުރި އެއް ކަމަކީ އެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ވިސްނުމުގެ މައްސަލަތަކެއް އުޅޭ ކަމެވެ.

"ފުރަތަމަ ކަމަކަށް އަހަރެމެން އޮތީ 1-0 ގެ ލީޑެއްގައި، ފަހަތުން އެހެން ލީޑު ނެގީމަ އެނގޭ އެއްޗަކީ ކުޅުންތެރިންގެ ވިސްނުން ބަދަލުކުރަން ޖެހޭކަން، ކުޅުންތެރިން ތިބެނީ ބިރުވެރިކަމެއްގައި ލީޑު ގެއްލިދާނެތީ" އޮޑެގާޑް ބުންޏެވެ.

އޮޑެގާޑް ބުނީ ޖުމްލަގޮތެއްގައި މުޅި މެޗުންވެސް ފެނުނީ ދަށް އާސެނަލްއެއް ކަމަށެވެ. އަދި ޓީމު ލީޑުގައި އޮންނައިރު މިއަށްވުރެ ރަނގަޅަށް ޓީމު މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗު އާޓެޓާ ވެސް ވަނީ ޓީމުގެ ކުޅުމާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ކޯޗު ބުނީ ފުރަތަމަ ހާފުގައި ޓީމުގެ ފަރާތުން ފެނުނީ އުއްމީދުކުރި ކުޅުން ކަމަށާއި ނަމަވެސް ދެވަނަ ހާފުގައި ފެނުނީ އުއްމީދުކުރި އާސެނަލްއެއް ނޫން ކަމަށެވެ.

"އިދިކޮޅު ޓީމުގެ ހާފަށް ބޯޅަ ނުގެންދެވޭ، އެއީ އަހަރެމެންގެ މައްސަލައަކީ، އެކަން އެބަޖެހޭ ރަނގަޅުކުރަން، މެޗުގައި ވަރަށް ރަނގަޅަށް ޕްރެސް ކޮށްގެން ކުޅުނުތަން ވެސް ފެނިގެންދިޔަ" އާޓޭޓާ ބުންޏެވެ.

އާސެނަލް މިވަގުތު ތާވަލުގެ ހަތްވަނައިގައި އޮތްއިރު އެ ޓީމު އޮތީ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށްވުރެ 12 ޕޮއިންޓް ފަހަތުގައެވެ. ލީގުގައި އެ ޓީމު ދެން ބައްދަލުކުރާނީ ސައުތެމްޓަން އާއެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގައެވެ. އޭގެފަހުން އަމިއްލަ ދަނޑުގައި އެ ޓީމު ބައްދަލުކުރާނީ ވެސްޓްހޭމް އާއެވެ.