ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ބިލިއާޑް މުބާރާތް, ގައުމީ ބިލިއާޑް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ރޭ ވަނީ އެ މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލު މެޗު ކުޅެފައެވެ.އެ ެ މެޗުބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުޅިވަރާ ބެހޭ ވަޒީރު ވަޑައިގެންނެވިއެވެ.

ރޭ ކުޅުނު ޓީމު އިވެންޓުގެ ފައިނަލުގައި ވާދަކުރީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ. އެ މެޗުގައި ކުޅުނު ފަސް ގޭމުގެ ތެރެއިން ތިން ގޭމުން މޮޅުވެ, އީގަލްސް އިން ވަނީ އެ އިވެންޓުގެ ޗެމްޕިއަންކަން ހޯދައިފައެވެ.

އެ މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. އޭގެ އިތުރުން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދި ކްލަބު އީގަލްސްއަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ހަވާލުކޮށްފައެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގެ ފިރިހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް ހޯދި އިރު, ފިރިހެން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އައްބާސް ސައީދެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ދީނާ އަހުމަދެވެ. މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން އަލީ ފަޔާޒާއި ދީނާ ހޯދި އިރު, ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ހުސައިން ފަޔާޒާއި އަލީ ޝާވިންއެވެ.